ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ޝަކީލު މަޤާމުގެ ހުވާކުރެއްވިއިރު، ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލަށް މަޤާމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.
މި ޢައްޔަނުކުރެއްވުން ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 8/2008) 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޝަކީލު ވަނީ މީގެ ކުރިން ވެސް އެ ކޮމިޝަންގައި މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ. އެގޮތުން 2013 އިން 2014 އަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، 2014 ވަނަ އަހަރުގެ ޑިސެމްބަރުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކޮމިޝަންގެ މެންބަރުކަން އޭނާ ކުރައްވާފައިވެއެވެ.
މި މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވި ޝަކީލު، އެ މަޤާމުން އިސްތިއުފާ ދެއްވީ ޖޫން 23 ވަނަ ދުވަހު މަޖިލީހުން އޭނާގެ އައު މަޤާމަށް ރުހުން ދިނުމާ ގުޅިގެންނެވެ.
ޝަކީލުގެ ސިޔާސީ ދައުރަށް ބަލާއިރު، 2019 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވުން ހިމެނެއެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކުރުމާއި، ފަހުގެ އަހަރުތަކުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ ކަން ފާހަގަ ވެއެވެ.





