މި ސަރުކާރު ހަވާލުވީއިރު 23 ޕްރިންސިޕަލަކަށް ސިޔާސީ ގޮތުން ފިޔަވަޅު އަޅާފައިވޭ: ތައުލީމީ ވަޒީރު

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން 23 ޕްރިންސިޕަލަކު އެ ބޭފުޅުން ތިބެންޖެހޭ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް ޓީޗަރަކަށް ނުވަތަ ޕްރިންސިޕަލަކަށް މި ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅު ޚިޔާލު ހުރި ނަމަވެސް އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"މި ސަރުކާރު އައި އިރުގައި ތޭވީހަކަށް ޕްރިންސިޕަލުން ހުންނަން ޖެހޭ ރަށް ނޫން ރަށްތަކަށް ކުރީ ސަރުކާރުން ބަދަލުކޮށްފައި ތިބީ. މިހާރު އެ ހުރިހާ ކަމެއް ރަނގަޅުކޮށް، އެ މުވައްޒަފަކު ހުންނަން ޖެހޭ ތަނުގައި ބަހައްޓާފައި ހުންނާނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓީޗަރުންގެ ފަރާތުން ލިބުނު 200 އަށް ވުރެ ގިނަ ޝަކުވާގައި ވަނީ، ސިޔާސީ ފިކުރުގެ ސަބަބުން ކުރީ ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަމުގެ ޝަކުވާތައް ހިމެނިފައެވެ. މުވައްޒަފުންނާ ދޭތެރޭ އިންސާފުން ބޭރުން ފިޔަވަޅު ނާޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި، މިހާރުގެ ވުޒާރާއިން އަމަލުކުރަނީ އެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!