އޮޕެކްއިން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޢިރާޤުގެ ތެލާބެހޭ ވުޒާރާއިން ދޮގުކޮށްފި

ޢިރާޤުގެ ތެލާބެހޭ ވުޒާރާއިން ބުނެފައިވަނީ، ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމުޢިއްޔާ، އޮޕެކް އިން ޢިރާޤު ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ ވާހަކަތަކަކީ ޢިރާޤުގެ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ.

ޢިރާޤުން ބޭނުންވަނީ އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ޤާބިލުކަމާ އެއްވަރަށް ތެޔޮ އުފެއްދުމުގެ ހިއްސާ މުރާޖަޢާ ކުރުމަށެވެ. އެ ޤައުމުގެ ތެލާބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޢިރާޤުގެ އުފެއްދުންތެރިކަމުގެ ހިއްސާއާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތައް ހައްލުކުރަމުން ދަނީ އޮޕެކްއާއި އޮޕެކް ޕްލަސް ގެ ފަންނީ އޮނިގަނޑުގެ ތެރެއިންނެވެ. މިގޮތުން، މިނިވަން ބައިނަލްއަޤްވާމީ ކޮންސަލްޓަންޓުން މެދުވެރިކޮށް، ކޮންމެ ޤައުމަކަށް ވެސް އުފެއްދޭނެ އެންމެ މަތީ މިންވަރު ދެނެގަތުމުގެ މަސައްކަތް ޢިރާޤުގެ ބައިވެރިވުމާއެކު ކުރިއަށްދާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

އޮޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މަޑުމަޑުން އުވާލަމުންދާ ކަމަށާއި، ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި އެ ފިޔަވަޅުތައް މުޅިން ނިމުމަކަށް ގެނެވޭނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ. މިއީ ޢިރާޤުގެ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެ ޤައުމުން ދެކެއެވެ.

ޢިރާޤުގެ ތެލުގެ ދާއިރާއަށް ވޭތުވެދިޔަ ހަތަރު ދިހަ އަހަރު ދުވަހުގެ ތެރޭގައި ހަނގުރާމައާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސަލާމަތީ ގޮންޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޮޕެކްގެ އެހެން މެންބަރުން ޤަބޫލުކުރާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި ކަންކަމަށް ރިއާޔަތްކޮށް، އޮޕެކްގެ ތެރޭގައި ޢިރާޤަކީ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުގެ މަޤާމު އަލުން ހޯދުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ޢިރާޤުން ދެކެއެވެ. ތެލަކީ ޢިރާޤުގެ އިޤްތިޞާދުގެ މައިބަދަ ކަމަށް ވާތީ، އުފެއްދުންތެރިކަން "އިންސާފުވެރި" މިންވަރަކަށް މަތިކުރުމަކީ އެ ޤައުމުގެ މައިގަނޑު އަމާޒެކެވެ.

ހިއްސާ ކުރައްވާ!