ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ނިންމައިފި

ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު، އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުންނެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމުން މުޅި އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް، އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް މިއީ ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުސަތު ބޮޑު ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް މާވަށަށް ވަޑައިގެން (20 އޮކްޓޫބަރު 2025ގައި) ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރާނީ ދުރުރާސްތާއަށް ވިސްނައި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ޓޫރިޒަމް ކުރިއަރުވަން ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތުގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގެ ކައިރީ އޮތް ރަށެއްގައި އެއާޕޯޓު އަޅަން ޖެހޭނީ… އެހެންވީމަ ތިބޭފުޅުން ތި ބޭނުންވެލައްވާ ކަމުގައި އަޅުގަނޑުގެ ވިސްނުން ހުރި ގޮތް މި ދެންނެވީ،" ރައީސް

މާވަށު ރައްޔިތުން އެ ރަށު ކައިރީގައި އެއާޕޯޓެއް އެޅުމަށް ބޭނުންވެގެން މީގެ ކުރިން ހަރަކާތްތަކެއް ހިންގާފައިވެއެވެ. މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މާވަށު ރައްޔިތުންގެ ވިސްނުމަކީ ދެކޮޅު ޖެހޭ ރަނގަޅު ވިސްނުމެއް ކަމަށާއި، އެ ރައްޔިތުންގެ ބޭނުންތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ލ. އަތޮޅުގައި މިވަގުތު އޮތީ ކައްދޫ އެއާޕޯޓު އެކަންޏެވެ. އާ އެއާޕޯޓާއެކު ލ. އަތޮޅުގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތައް އިތުރަށް ހަލުވިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!