ކެނެޑާގެ ނަސާރާއިން ގިނަ ސަސްކެޗުއަން ޕްރޮވިންސްގެ ވެރިރަށް ރެޖިނާގައި، ތާރީޚުގައި ފުރަތަމަ ފަހަރަކަށް ސްޕީކަރުތައް ބޭނުންކޮށްގެން ބަންގި ގޮވައިފިއެވެ. ރެޖިނާ ސިޓީ ޖާމިއާ މަސްޖިދުން މި ޙަރަކާތް ސިފަކޮށްފައިވަނީ "ތާރީޚީ މައިލްސްޓޯނެއް" ގެ ގޮތުގައެވެ.
ޖޫން 19 ވަނަ ދުވަހު މެންދުރު 1:00 ގައި ކުރިއަށްގެންދިޔަ މި "ސައުންޑް ޓެސްޓް" ގައި، ހަތަރު ލައުޑްސްޕީކަރު ބޭނުންކޮށްގެން ގާތްގަނޑަކަށް ތިން މިނެޓް ވަންދެން ބަންގީގެ އަޑު ރެޖިނާގެ މެދުތެރޭގައި ގުގުމާލިއެވެ. އެ މިސްކިތުން ނެރުނު ބަޔާނެއްގައި، މިކަމަށް އެއްބާރުލުން ދެއްވި ރެޖިނާ ސިޓީގެ އޮފިޝަލުންނާއި، ރެޖިނާ ޕޮލިސް ސަރވިސްގެ އިތުރުން މީޑިއާއަށް ޝުކުރު އަދާކޮށްފައިވެއެވެ.
ނަމަވެސް، މިކަމާ ގުޅިގެން މީސްމީޑިއާގައި ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ސިޓީގެ އަޑުގަދަ ކުރުމާ ބެހޭ ޤާނޫނު ގައި، އާންމުންނަށް އުނދަގޫވާ ފަދަ ގޮތަކަށް އަޑުގަދަ ކުރުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ފައްޅިތަކުގައި ޖަހާ ރަނގަބީލު މި ޤާނޫނުގައި ވަކި ޚާއްޞަ އިސްތިސްނާތަކެއް ދީފައިވީ ނަމަވެސް، މިސްކިތުގައި ބޭނުންކުރި ތާޅަފިލިތަކަކީ އަޑު ދުރަށް ފޯރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެހި ކަމަށް ވާތީ މިކަމާ ގުޅޭ ބަހުސްތައް ވަނީ ފެށިފައެވެ.
ބަންގި ގޮވަން ފެށި ފަހުން ފޯނާއި، އީމެއިލް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް 10 އާއި 15 އާ ދެމެދުގެ އަދަދަކަށް އިންޒާރުތަކާއި ނޭދެވޭ މެސެޖުތައް ލިބިފައިވާ ކަމަށް ރަހްމާން ވިދާޅުވިއެވެ. ފުލުހުން ވަނީ މި އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، ކެނެޑާގެ ނަފްރަތުގެ ކުށްތަކާ ބެހޭ ޤާނޫނުގެ ދަށުން މި މައްސަލަތައް ތަޙުޤީޤު ކުރާނެ ކަމަށް ބުނެފައެވެ. އަދި ހުކުރު ދުވަހު މުސްލިމުން އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއީ ހަމައެކަނި ހުކުރު ދުވަހު މެންދުރުގެ ވަގުތުގައި ގާތްގަނޑަކަށް ތިން މިނެޓަށް ކުރިއަށްގެންދާ ކަމެކެވެ. ރެޖައިނާ ފުލުހުން ބުނާ ގޮތުގައި މިސްކިތަށް ދީފައިވާ އަޑުގަދަކުރުމުގެ ހުއްދަ 2026 ވަނަ އަހަރުގެ ޖުލައި 10 ގެ ނިޔަލަށް ދެމިއޮންނާނެއެވެ. އަދި ކޮންމެ އަހަރަކުވެސް ތަފާތު އެކި ޖަމާޢަތްތަކަށް މިފަދަ 100 އަށްވުރެ ގިނަ ހުއްދަ ފުލުހުން ދޫކުރެއެވެ.
ޔުނިވަރސިޓީ އޮފް ރެޖިނާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް ސްޓަޑީޒްގެ އަމީން އަސްފާރީ ވިދާޅުވީ، މިސްކިތަށް ދެމުންދާ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ނަމަވެސް، މުޖުތަމަޢުގައި އެކަށީގެންވާ އަހުލުވެރިކަމެއް ނެތި އާންމުކޮށް ބަންގި ގޮވަން ފެށުމަކީ ގޯހެއް ކަމަށެވެ. މީގެ ސަބަބުން އިސްލާމްދީނާ ދެކޮޅު ނަފްރަތު އިތުރުވެ، މުސްލިމް ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، ރަހްމާން ވަނީ މިކަމާ ދެކޮޅު ހައްދަވައި، މީހުންނާ މަޝްވަރާކޮށްގެން ނޫނީ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް މީހަކާ ޒުވާބު ކުރުމުގެ ބަދަލުގައި އެމީހުން ބޭނުންވަނީ މަޢުލޫމާތު ފޯރުކޮށްދީ، އެންމެން ގުޅިގެން އުޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކެނެޑާއަށް އިސްލާމީ ގައުމުތަކުން މީހުން ހިޖުރަކުރުން އިތުރުވުމާއެކު، އެ ގައުމުގައި މިސްކިތްތަކުގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.




