މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކަން އެއާވޭސްގެ ފްލައިޓެއް އަނބުރާލައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ ގަދަ ވައިގެ ސަބަބުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް މަސައްކަތްކުރި ސްރީލަންކަން އެއާވޭސްގެ ފްލައިޓެއް، ރަންވޭއަށް ނުޖެއްސި އަނބުރާލަން ޖެހިއްޖެއެވެ.

ކޮލަމްބޯއިން ފުރައިގެން މާލެއަށް ދަތުރުކުރި އެ އެއާލައިންގެ 'ޔޫއެލް 103′ ފްލައިޓް މާލެ ސަރަހައްދަށް ތިރިކުރި ވަގުތަކީ، މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ރަންވޭއަށް ރައްކާތެރިކަމާއެކު ލޭންޑްކުރެވޭނެ ހާލަތު ނެތް ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. ފްލައިޓްގެ ކެޕްޓަނުން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު އަނބުރާލުމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ނެރުނު މި އެލާޓްގައި، ރޭ 00:15 އިން ފެށިގެން ދަންވަރު 04:15 އާ ހަމައަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، އެ ސަރަހައްދުތަކަށް އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއެކު މިފަދަ ހާލަތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!