އޮސްޓްރޭލިއާ އާއި ވަނުއާޓޫއިން ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އޮސްޓްރޭލިއާ އާއި ޕެސިފިކް ކަނޑުގެ ކުޑަ ގައުމެއް ކަމަށްވާ ވަނުއާޓޫއާ ދެމެދު ތާރީޚީ ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ޕެސިފިކް ޖަޒީރާ ގައުމުތަކުގެ ތެރެއަށް އަސްކަރީ އަދި އިގްތިސާދީ ގޮތުން ނުފޫޒު ފޯރުވަން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް އޮސްޓްރޭލިއާއިން ދިން ވަރުގަދަ ރައްދެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން ސޮލޮމަން އައިލެންޑްސްއާއެކު ޗައިނާއިން ސިއްރު ސަލާމަތީ އެއްބަސްވުމެއް ހެދުމުން އޮސްޓްރޭލިއާ އާއި އެމެރިކާ ވަނީ ވަރަށް ބޮޑަށް ސިހިފައެވެ.

މި އާ އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާއިން ވަނުއާޓޫގެ ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާއި، ކާރިސާތަކުގެ ވަގުތުގައި އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން، ވަނުއާޓޫގެ ބޯޑަރު ބެލެހެއްޓުމަށާއި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އޮސްޓްރޭލިއާގެ އަސްކަރީ އެހީތެރިކަން ލިބޭނެއެވެ. މިއީ ވަނުއާޓޫގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ނުވަތަ ޕޮލިސް ބޭސެއް ހެދުމުގެ ފުރުސަތު ބަންދުކުރުމަށް އެޅުނު ފިޔަވަޅެކެވެ.

ވަނުއާޓޫގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ގައުމުގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކޮށް، ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ހެދި އެއްބަސްވުމެކެވެ. ޗައިނާއިން ދަނީ މި ސަރަހައްދުގެ ގައުމުތަކަށް ބޮޑެތި ލޯނުތައްދީ، ދަރަނީގެ އަވައިގައި ޖައްސައިގެން ބޯޓުތަކާއި ބަނދަރުތަކުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަމުންނެވެ. އޮސްޓްރޭލިއާގެ މި ފިޔަވަޅުގެ ސަބަބުން، ޕެސިފިކް ސަރަހައްދުގެ އެންމެ ދުރު ބިތުގެ ސަލާމަތީ ބާރުގެ ގޮތުގައި އޮސްޓްރޭލިއާގެ މަގާމު ވަނީ އަލުން ކަށަވަރުވެފައެވެ.

ހިއްސާ ކުރައްވާ!