އޮސްޓްރޭލިއާގައި ވާލުގެ ހަމަލާތައް އިތުރުވެ، ނުރައްކާތެރި ވައިރަހެއް ފެތުރިދާނެކަމުގެ އިންޒާރު ނެރެފި

އޮސްޓްރޭލިއާގެ އިރުމަތީ ސަރަހައްދުތަކުގައި ވާލުގެ ހަމަލާތަކާއި ދަތްއެޅުމުގެ ހާދިސާތައް އާދައްޔާޚިލާފު މިންވަރަކަށް އިތުރުވުމާ ގުޅިގެން، އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރިދާނެކަމުގެ އިންޒާރު ސިއްހީ އިދާރާތަކުން ނެރެފިއެވެ. އަދި އާންމު ރައްޔިތުން އެއްވެސް ހާލެއްގައި ވާލުގައި އަތްނުލުމަށާއި، އެސޮރުމެން އުޅޭ ސަރަހައްދުތަކާ ދުރުހެލިވުމަށް ސިއްހީ ކަމާބެހޭ މާހިރުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ސިއްހީ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ސެޕްޓެމްބަރު 28 އިން އޮކްޓޯބަރު 10 ގެ ނިޔަލަށް އެ ސްޓޭޓުގެ އުތުރުގެ ސަރަހައްދުތަކުން އެކަނިވެސް ވާލު ދަތްއެޅުމާއި ވަކިއެޅުމުގެ 43 ހާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވިފައިވަނީ އެކަހަލަ 10 ހާދިސާ ކަމަށްވާއިރު، މިއީ ކަންބޮޑުވާންޖެހޭ އަދަދެއްގެ އިތުރުވުމެއް ކަމަށް މާހިރުން ފާހަގަކުރައްވައެވެ. މި ހާދިސާތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހަންޓަރ ރީޖަން، މިޑް ނޯތު ކޯސްޓް، ނޯތަން ނިއު ސައުތު ވޭލްސް އަދި ސެންޓްރަލް ކޯސްޓް ސަރަހައްދުތަކުންނެވެ.

މި ހާދިސާތަކުގެ ސަބަބުން "އޮސްޓްރޭލިއަން ބީޓްލްސާވައިރަސް" (އޭބީއެލްވީ) އިންސާނުންގެ ހަށިގަނޑަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، މި ވައިރަހަކީ ރޭބީސްއާ ވަރަށް އާއިލީ ގޮތުން އެއްގޮތް ގުޅުންހުރި، ނާރުތަކުގެ ނިޒާމަށް ހަމަލާދޭ ނުރައްކާތެރި ވައިރަހެކެވެ. މީގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ފެށުމަށްފަހު، އެކަމަށް އެކަށީގެންވާ ކާމިޔާބު ފަރުވާއެއް އަދިއެއް ނުވެއެވެ.

ނަމަވެސް، ވާލެއްގެ ހަމަލާއެއް އަމާޒުވެ، ދަތްއެޅުން ނުވަތަ ވަކިއެޅުމުގެ ހާދިސާއެއް ދިމާވާ ވަގުތުން ފެށިގެން ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދައި، ރައްކާތެރިކަމުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފިނަމަ، މި ނުރައްކާތެރި ބަލިން ރައްކާތެރިވެވިދާނެ ކަމަށް މާހިރުން ހާމަކުރައްވައެވެ.

އޮސްޓްރޭލިއާގެ ސިއްހީ އޮފިޝަލުން ވަނީ އެއްވެސް މީހަކު ވާލެއް ވެއްޓިފައި އޮއްވައި ފެނުނުކަމުގައި ވިޔަސް، ނުވަތަ އަނިޔާވެފައި ތަނެއްގައި އޮތްނަމަވެސް އަމިއްލައަށް އެ އެއްޗެއްގައި ނުޖެހުމަށާއި،  ތަމްރީނުލިބިފައިވާ ޖަނަވާރުން ސަލާމަތްކުރާ ފަރާތްތަކަށް އެންގުމަށް އިރުޝާދު ދެއްވާފައެވެ.

ހިއްސާ ކުރައްވާ!