ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ ބާރުތައް ބައްސަވާލައްވާނަން: ބާންހަމް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާ އެންޑީ ބާންހަމް އިއުލާންކުރެއްވި ގޮތުގައި، އޭނާއަށް ލީޑަޝިޕް ކާމިޔާބުވެއްޖެނަމަ، އިނގިރޭސިވިލާތުގެ އުތުރުގައި އޮންނަ މެންޗެސްޓާގައި ބޮޑުވަޒީރުގެ ރަސްމީ އޮފީހެއް ގާއިމުކުރައްވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރުގެ ނަންބަރު 10ގެ ނަމުން ނިސްބަތްކުރާ މި އޮފީސް ވެގެންދާނީ އިނގިރޭސި ސަރުކާރުގެ ބާރުތައް މަރުކަޒީވުން ދޫކޮށް، އެކި ސަރަހައްދުތަކަށް ބާރުތައް ބަހާލުމުގެ މައި މަރުކަޒަށެވެ.

ލޭބަރ ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާ ބާންހަމް މެންޗެސްޓާގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، ލަންޑަނުގައި ހުންނަ މަރުކަޒީ ސަރުކާރުގެ އިދާރާތަކުން ބާރުތައް އެހެން ސަރަހައްދުތަކަށް ދޫކުރުމަށް ހުރަސްއެޅި ޒަމާން މިހާރު މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި އާ އޮފީހުގެ އެހީގައި ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑްގެ އިތުރުން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގެ ލޯކަލް ސަރުކާރުތަކަށް މިހާރަށްވުރެ ފުޅާ ބާރުތަކާއި ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި މުޅި ގައުމުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

ބާންހަމްގެ ސިޔާސަތުތަކުގެ ތެރޭގައި، ދެވަނަ ބޮޑުހަނގުރާމައަށްފަހު އެ ގައުމުގައި ހިންގާ އެންމެ ބޮޑު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށުން ހިމެނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 1980ގެ އަހަރުތަކުން ފެށިގެން މިހާތަނަށް ގައުމަށް ވަނީ އެއް މިލިއަން ފަސްލައްކައެއްހާ އިޖުތިމާއީ ބޯހިޔާވަހިކަމުގެުގެ ގެދޮރު ގެއްލިފައެވެ. އަދި ހަމަ އެ އަދަދަށް މީހުން ގޭގެއަށް އެދި ކިއުގައި އެބަތިއްބެވެ. އެހެންކަމުން، މި ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދާނީ އުތުރުގައި ހަދާ ބޮޑުވަޒީރުގެ އޮފީހާއި އެކި ސަރަހައްދުތަކުގެ ކައުންސިލްތައް ގުޅިގެންނެވެ.

ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވަމުން ބާންހަމް ވިދާޅުވީ، މިހާރު ލަންޑަނުގެ ސިޔާސީ މަރުކަޒު އޮތީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ހުރިހާ ފިކުރެއްގެ މީހުން ހިމެނޭ ވަރުގަދަ ޓީމެއް އެކުލަވާލައްވާނެ ކަމަށާއި، ނަމަވެސް ކެބިނެޓް އެކުލަވާލާނެ ގޮތުގެ ރަސްމީ އިއުލާނެއް ކުރައްވާނީ ޕާޓީގެ ލީޑަރު ހޮވުމުގެ އިންތިޚާބު މުޅިން ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!