ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ގާއިމުކޮށް ނިންމުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ތަރައްގީގެ މަޝްރޫއުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ނިންމުމަކީ، މިހާރުވެސް ބައެއް އަތޮޅުތަކުގައި ފުޅާވަމުން އަންނަ އާރުޓީއެލްގެ ވިއުގަ، ޚާއްޞަ އިސްކަމެއް ދީގެން އަންނަ އަހަރުގެ ޖަނަވަރީގެ ކުރިން މުޅި ރާއްޖެއަށް ގުޅާލުމެވެ.
މަޝްރޫއުތަކުގެ ދުވެލި އަވަސްކުރުމަށްޓަކައި، ސަރުކާރުގެ ހުރިހާ ހަރަކާތްތަކެއް ވިލަރެސްކުރާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސްގެ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް" ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށްފަހު، ދެން ހުރިހާ މަޢުލޫމާތެއް ވަގުތުން ވަގުތަށް އަޕްޑޭޓް ކުރަމުން ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިމާވާ ދުވަހުން ދުވަހަށް ދިމާވާ ހުރަސްތައް ދެނެގަނެ، ހައްލު ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ވުޒާރާއެއްގައި މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށާއި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމުމަށް ކޮންޓްރެކްޓަރުންނާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވެސް ކަނޑައެޅިއެވެ.
މިއަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ ސަލާމަތާ ގުޅުންހުރި މުހިންމު ނިންމުމެއްވެސް ނިންމާފައެވެ. އެގޮތުން، ކެމިކަލް ގުދަންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކެމިކަލް ގުދަން ކުރުމުގެ ހުއްދަ ދެން ދެވޭނީ ހަމައެކަނި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު، ރައްކާތެރި ހިސާބުތަކުގައި އެފަދަ ތަންތަން ތަރައްގީކުރުމަށް އެކަނި ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.



