ކީކޯ ފުޖިމޯރީ ޕެރޫގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި

ޕެރޫގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނުން ނިމުނުއިރު، ކޮންޒަވޭޓިވް ކެންޑިޑޭޓް ކީކޯ ފުޖިމޯރީ އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ. ޤައުމީ އިލެކްޝަން ކޮމިޝަނުން ހޯމަ ދުވަހު އިއުލާނުކުރި ގޮތުގައި، ވޯޓުގެ 100 އިންސައްތަ ގުނައި ނިމުނުއިރު ފުޖިމޯރީއަށް 50.135 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، ވާދަވެރި ލެފްޓިސްޓް ކެންޑިޑޭޓް ރޮބާޓޯ ސަންޗޭޒްއަށް ލިބިވަޑައިގެންފައިވަނީ 49.865 އިންސައްތައެވެ.

ފުޖިމޯރީ ވަނީ ވޯޓު ގުނުމުގެ ދިގު މަރުހަލާ ނިމުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާ ފޭސްބުކްގައި ލިއުއްވި މެސެޖެއްގައި ވިދާޅުވީ، ޤައުމީ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ނަތީޖާ އިއުލާނުކުރާނެ ވަގުތަކަށް މަޑުކުރައްވަނީ ނުހަނު ކެތްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި މިއީ ޤައުމަށް އަމާންކަމާއި އުންމީދު ގެނެސްދޭނެ ފެށުމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ނަމަވެސް، ވާދަވެރި ސަންޗޭޒް ވަނީ މި ނަތީޖާ ޤަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއްވެސް ހެއްކެއް ނެތި އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތުތައް ސަންޗޭޒް ކުރައްވައި، މުޒާހަރާތައް ކުރުމަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ. އޭނާ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލަ ޤާނޫނީ ގޮތުން ޗެލެންޖް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކީކޯ ފުޖިމޯރީއަކީ ޕެރޫގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާއަކީ ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީގެ ދަރިކަނބަލުންނެވެ. ފުޖިމޯރީ އާއިލާއަކީ އަސްލު ޖަޕާނަށް ނިސްބަތްވާ އާއިލާއެކެވެ. ކީކޯގެ ކާފަ އާއި މާމަ ޕެރޫއަށް ހިޖުރަކުރީ 1930 ގެ އަހަރުތަކުގައި ޖަޕާނުންނެވެ. އެހެންކަމުން، ސަގާފީ ގޮތުންނާއި ނަސްލީ ގޮތުން ފުޖިމޯރީ އާއިލާއަކީ ޖަޕާނުގެ ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ބައެކެވެ.

ޕެރޫގައި ދިރިއުޅުނު ނަމަވެސް، މި އާއިލާގެ މެންބަރުންނަށް ޖަޕާނުގެ ރައްޔިތުކަންވެސް އެކި ދުވަސްވަރު ލިބިފައިވެއެވެ. ހާއްސަކޮށް، ކީކޯގެ ބައްޕަ އަލްބާޓޯ ފުޖިމޯރީ ޕެރޫގެ ރައީސްކަމުން ވަކިވެވަޑައިގަތުމަށްފަހު، ޖަޕާނުން ހިމާޔަތް ހޯއްދަވައި އެ ގައުމުގެ ރައްޔިތުކަން ހޯއްދެވިއެވެ. މިއީ ޖަޕާނުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން މި އާއިލާ ބަލައިގަންނަ މިންވަރު ހާމަކޮށްދޭ، އަދި އެބޭފުޅުންނަކީ ޖަޕާނުގެ އަސްލެއް އޮތް ބައެއްކަން ސާބިތުކޮށްދޭ މުހިންމު ހެއްކެކެވެ.

އަލްބާޓޯ ފުޖިމޯރީ މިހާރު ކޮބާ؟

އަލްބާޓޯ ފުޖިމޯރީ ވަނީ 11 ސެޕްޓެމްބަރު 2024 ގައި، އުމުރުން 86 އަހަރުގައި އަވަހާރަވެފައެވެ. އޭނާ އަވަހާރަވީ ކެންސަރު ބަލީގެ ސަބަބުން ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ.

އޭނާ އަވަހާރަވުމުގެ ކުރިން، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ސިއްހީ ސަބަބުތަކަށްޓަކައި ޑިސެމްބަރު 2023 ގައި ޖަލުން މިނިވަންކުރެވުނެވެ.

ކޮރަޕްޝަނާއި ކުށުގެ ރެކޯޑް

އަލްބާޓޯ ފުޖިމޯރީގެ 10 އަހަރުގެ ވެރިކަން (1990–2000) ނިމުމަކަށް އައީ ބޮޑެތި ކޮރަޕްޝަނާއި ރިޝްވަތުގެ ކަންކަންބޭޒާރުވުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ސާބިތުވި ބައެއް މުހިންމު ކުށްތަކަކީ:

  • ޚިޔާނާތާއި ރިޝްވަތު: އޭނާގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވެފައިވެއެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ލަފާކުރާ ގޮތުގައި އޭނާ 600 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތުން ވަގަށް ނަގާފައިވެއެވެ. ޚިޔާނާތުގެ މި ކުށްތަކަށް 7 އަހަރާއި ބައިގެ ޖަލު ހުކުމެއް އަދި ރިޝްވަތު ދިނުމުގެ ކުށަށް 6 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައެވެ.

  • މަގާމުގެ ނުފޫޒު ބޭނުންކުރުން: ސިޔާސީ ވާދަވެރިންނާއި ނޫސްވެރިންގެ ފޯނުތައް އަޑުއެހުމާއި، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން މީޑިއާ ގަނެލުމުގެ ކުށް ސާބިތުވިއެވެ.

  • އިންސާނީ ހައްގުތަކަށް އަރައިގަތުން: ކޮރަޕްޝަނުގެ އިތުރުން، އޭނާގެ އަމުރަށް ހިންގި "ޑެތު ސްކޮޑް" ތަކުން 25 މީހަކު މަރާލުމާއި، އޮޅުވާލައިގެން އެތައް ހާސް އަންހެނުންނެއް ދަރިމައިނުވޭ ގޮތް ހެދުން ފަދަ ލަދުވެތި ޖަރީމާތަކުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް އައެވެ.

ފުޖިމޯރީއަކީ އަމިއްލަ ގައުމެއްގެ ކޯޓަކުން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޖަލަށްލެވުނު ދުނިޔޭގެ ފުރަތަމަ ކުރީގެ ރައީސެވެ.

ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީގެ ދަރިކަނބަލުން ކަމަށްވާ ކީކޯ ފުޖިމޯރީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ 28 ޖުލައިގައެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ 10 ވަނަ ރައީސެވެ. ޤައުމީ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ކާމިޔާބު ކުރި ފަރާތް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 3 ޖުލައިގައެވެ.

ފުޖިމޯރީގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤައުމީ ސަލާމަތާއި ނިޒާމު ހިފެހެއްޓުމުގެ މައްޗަށެވެ. އެގޮތުން، ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފުރުވާލުމާއި، ބޯޑަރުތައް ބެލެހެއްޓުން އަސްކަރިއްޔާއާ ހަވާލުކުރުމުގެ އިތުރުން، އިޤްތިސާދީ ގޮތުން 1993 ވަނަ އަހަރުގެ ގާނޫނު އަސާސީގައިވާ ވިޔަފާރިއަށް ފަހި މޮޑެލްތައް ދެމެހެއްޓުމަށް އެކަމަނާ ވަނީ ވައުދުވެވަޑައިގެންފައެވެ. މިގޮތުން އަހަރަކު 6 އިންސައްތައިގެ ކުރިއެރުމެއް ހޯދުމާއި، ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއިތަކެއް ދިނުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.

ޕެރޫއަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ، މުއްސަނދި ތާރީޚަކާއި ސަގާފަތެއް އޮންނަ އަދި ގުދުރަތީ ރީތިކަމުން ފުރިގެންވާ ގައުމެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް