އައިއެސް އިން ހަލާކުކުރި މޫސަލްގެ ތާރީހީ މިސްކިތްތައް އަލުން އާރާސްތުކުރަނީ

އައިއެސް ޖަމާއަތުގެ އަތްދަށުން އިރާގްގެ މޫސަލް ސިޓީ މިނިވަންވިތާ ގާތްގަނޑަކަށް 9 އަހަރު ވެފައިވާއިރު، އެ ސިޓީން އަދިވެސް ދަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވި ތާރީހީ ބިނާތައް އަލުން ދިރުވުމަށް މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހިމެނެނީ  އެ ސިޓީގެ ހަނދާނާއި ސަގާފީ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ތާރީހީ މިސްކިތްތަކެވެ.

2014 އާއި 2017 އާ ދެމެދު، މޫސަލްގެ އަވަށްތަކަށާއި ތާރީހީ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ދާއިރާއަކީ މިސްކިތްތަކެވެ. އެ ޖަމާއަތުން ވަނީ ނަބީ ޔޫނުސް މިސްކިތާއި، ނަބީ ޝީތު މިސްކިތާއި، ނަބީ ޖިރްޖިސް މިސްކިތް ފަދަ ތާރީހީ ބިނާތައް ގޮއްވާލައި، ބައެއް ތަންތަން މުޅިން ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ.

މިއަދު އެ ސިޓީން މަސައްކަތް ކުރަމުން ދަނީ އެ ގެއްލުނު ތަރިކަތައް އަލުން ހޯދުމަށެވެ. މިއީ ސަރަހައްދީ ސަރުކާރާއި، ސުންނީ އަވްޤާފް ޑިޕާޓްމަންޓާއި، މަދަނީ ޖަމިއްޔާތަކާއި އަދި ސިޓީގެ ރައްޔިތުންގެ އެހީތެރިކަމާއެކު ހިންގާ ބޮޑު މަޝްރޫއެކެވެ.

މި އާރާސްތުކުރުމުގެ މަސައްކަތް ހުއްޓުނީ ހަމައެކަނި ތާރީހީ މިސްކިތްތަކަކުން ނޫނެވެ. މޫސަލްގެ އާ އަވަށްތަކުގައި 50 އަށްވުރެ ގިނަ ޒަމާނީ މިސްކިތްތައް ވަނީ ބިނާކޮށްފައެވެ. މިހާތަނަށް އަލުން ބިނާކުރި ނުވަތަ އަލަށް ހެދި މިސްކިތްތަކުގެ ޖުމްލަ އަދަދު 500 އާ ގާތްކުރެއެވެ.

މޫސަލްގެ ރައްޔިތުންނަށް މިސްކިތްތައް އަލުން އާބާދުވުމަކީ ހަމައެކަނި ބިނާތަކެއް އިއާދަވުމެއް ނޫނެވެ. އެއީ ދިރިއުޅުމާއި ހަމަޖެހުން އަލުން އިއާދަވުމެވެ.

ހިއްސާ ކުރައްވާ!