އިސްލާމީ މާލީ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ ޒަކާތާ ގުޅޭ ޢިލްމު ފެތުރުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން ހަތަރު ފޮތެއް ނެރެފިއެވެ. މި ފޮތްތައް ނެރެދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ފޮތްތަކަކީ ޒަކާތުގެ މައްސަލަތަކާއި އޭގެ މާތްކަމާމެދު އާންމުން ހޭލުންތެރިކުރުމަށް ތައްޔާރުކޮށްފައިވާ މުހިންމު މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޒަކާތާއި ޢަޤީދާ
- ޒަކާތާއި ޞަދަޤާތް ދިނުމަށް ބާރުއަޅާފައިވާ މިންވަރު
- ޒަކާތާއި ޞަދަޤާތް ދިނުމުގެ އަދަބުތަކާއި ޞަދަޤާތްދޭ މީހުންގެ ސިފަތައް
- ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯގައި ޒަކާތު ހައުސްއިން ވަނީ ޚާއްސަ ސްޓޯލެއް ޤާއިމުކޮށްފައެވެ. އެކްސްޕޯ ކުރިއަށްދާ މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދީނީ އިލްމުވެރިންނާއެކު ޒަކާތާ ގުޅޭ ސުވާލުތައް ކުރުމުގެ ފުރުސަތާއި، ޒަކާތު ސްކޮލާޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، ޒަކާތު ހައުސްގެ ސްޓޯލުގައި ކުރިއަށްގެންދާ ޚާއްސަ ކުއިޒު ޕްރޮގްރާމެއްގައި ބައިވެރިވެ، ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މި ހަރަކާތްތަކުގެ ބޭނުމަކީ އިސްލާމީ މާލީ ހަމަތަކާއި ޒަކާތުގެ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުކުރުމެވެ.




