ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ޖަސްޓިސް ބިލްޑިންގ އަލްގަޞްރު އަލްޢަދްލީ ކައިރީގައި ބުރާސްފަތި ދުވަހު އެއްޗެއް ގޮއްވައި، 6 މީހުން މަރުވެ 22 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ޚަބަރު ފަތުރާ އެޖެންސީ ސަނާއިން ރިޕޯޓުކޮށްފިއެވެ.
ސޫރިޔާގެ ހެލްތު މިނިސްޓްރީގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ވެރިޔާ އަޙްމަދު އަލްބަކޫރު ވިދާޅުވި ގޮތުގައި، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދިމިޝްގުގެ އެކި ހޮސްޕިޓަލްތަކަށާއި ރެޑް ކްރެސެންޓްގެ މަރުކަޒުތަކަށް ވަނީ ބަދަލުކުރެވިފައެވެ. މީގެ ތެރޭގައި ކުދި އަނިޔާ ލިބުނު މީހުންނާއި ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތައް ލިބުނު މީހުން ހިމެނެއެވެ.
ސޫރިޔާގެ އިންޓީރިއާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގޮވުން ގޮވާފައިވަނީ ޙިޖާޒް ސަރަހައްދުގެ ނަޞްރު މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައެވެ. މިއީ އެ ތަނުގައި ހަރުކޮށްފައި އޮތްބޮމެއް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަމާއި މީގެ މަގްސަދަކީ ކޮބައިކަން ދެނެގަތުމަށް ސަލާމަތީ ބާރުތަކުން ދަނީ ތަހުގީގު ހިންގަމުންނެވެ.
މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
ސޫރިޔާގެ ރަސްމީ "އިޚްބާރިއްޔާ" ޓީވީން ސަލާމަތީ ބާރުތަކުގެ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، މިއީ ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނާއި އެމްބިއުލާންސްތައް ވަގުތުން ގޮސް، ޒަޚަމްވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދު އެއްކޮށް ބަންދުކޮށް، ސަލާމަތީ ވަށާފާރެއް ވަނީ ލެވިފައެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ފަހުން، ވެރިރަށް ދިމިޝްގުގައި މިފަދަ ހަމަލާތައް ހިނގާފައިވަނީ ވަރަށް މަދުންނެވެ. މި އަހަރުގެ މޭ 19 ގައި ވެސް ދިމިޝްގުގައި ހުންނަ ޑިފެންސް މިނިސްޓްރީގެ އިމާރާތެއްގެ ބޭރުގައި ކާރު ބޮމެއް ގޮވައި، ސޫރިޔާ ސިފައިންގެ މީހަކު މަރުވެ 18 މީހުން ޒަޚަމްވެފައިވެއެވެ.






