ގަރލް ގައިޑް ހަރަކާތަކީ މީހުން ބިނާކުރުމުގެ މުހިންމު މަސައްކަތެއް: ފަސްޓްލޭޑީ ސާޖިދާ

ގަރލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ޤައުމީ ފެންވަރުގައި ކުރެވޭ މީހުން ބިނާކުރުމުގެ ވަރަށް އަގުހުރި އަދި ބޭނުންތެރި މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓްލޭޑީ ފާހަގަކުރެއްވި ގޮތުގައި މިއަހަރަކީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ތާރީޚީ އަހަރެކެވެ. އަދި ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށުމަކީ، މި ހަރަކާތަށް އިތުރު ކުރިއެރުމާއި ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުން. އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭ،" ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑް ހަރަކާތުގެ ތެރެއިން އަންހެނުން ބިނާކުރުމަށް ކުރެވޭ މަސައްކަތަކީ މުޅި ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ހަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތެއް ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!