މިޞްރު ޓީމަށް ފްރާންސް ރެފްރީ ބޭއިންސާފުވިކަމަށް ދުނިޔެ އެއްބަސް

އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މިޞްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، އާޖެންޓީނާއިން ވަނީ ދެ ލަނޑުން ފަހަތުގައި އޮތުމަށްފަހު، ފަހަތުން އަރައި 3-2 އިން މިޞްރު ބަލިކޮށްފަ އެވެ. މިއާއެކު، 2022 ގެ ޤަޠަރު ވޯލްޑް ކަޕްގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ތަށި ދިފާޢުކުރުމުގެ ދަތުރު ކުރިއަށް ގެންގޮސްފަ އެވެ.

މެޗުގެ 58 ވަނަ މިނެޓުގައި މުޞްޠަފާ ޒީކޯ ލަނޑެއް ޖަހައި މިޞްރަށް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް، ފްރާންސްގެ ރެފްރީ ފްރެންސިސް ލޮޓެކްސިއޭ، ވީއޭއާރް ބެލުމަށްފަހު އެ ލަނޑު ކެންސަލްކުރީ، ހަމަލާ ފެށުނުއިރު މިޞްރުގެ މަރުވާން ޢަޠިއްޔާ، އާޖެންޓީނާގެ ކުޅުންތެރިޔާ ލިސަންދްރޯ މާޓީނޭޒްއަށް ފައުލްކުރި ކަމަށް ބުނެ އެވެ.

ސްޕެއިންގެ ކުރީގެ ރެފްރީ އަދި ރޭޑިއޯ "މާސާ" ގެ އެނަލިސްޓް އެޑުއާޑޯ ބޯރޫލް ދެކޭގޮތުގައި، މިޞްރުގެ ދެވަނަ ލަނޑު ކެންސަލްކުރަން ރެފްރީ ނިންމި ނިންމުމަކީ ނުބައި ނިންމުމެކެވެ. އޭނާ ބުނިގޮތުގައި މާޓީނޭޒްއަށް ކުރި ކަމަށް ބުނާ ފައުލަކީ ހަމަލާއަށް އެއްވެސް ނުފޫޒެއް ފޯރުވި ކަމެއް ނޫނެވެ. "ލަނޑު ކެންސަލްކުރަންވެގެން ހަމަލާގެ މާ ކުރިއަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ ފައުލްތަކުގެ ސަބަބުން ލަނޑު ޖެހުމަށް އެއްވެސް އަސަރެއް ނުކުރޭ." ބޯރޫލް ބުންޏެވެ.

"މިޞްރުގެ ކުޅުންތެރިޔާ ބޯޅައާއެކު މާ ދުރަށް ދަތުރުކުރި. އެހެންކަމުން، މާ ދުރުގައި ހިނގާފައިވާ، އަދި ހަމައެކަނި ސްލޯ މޯޝަނުން އެނގޭ ފައިގާ އެޅުމެއްގެ ސަބަބުން ލަނޑެއް ކެންސަލްކުރުމަކީ ފުޓްބޯޅައިގެ ގޭމާ ގުޅޭގޮތެއް ނޫން." އޭނާ އިތުރަށް ބުންޏެވެ.

މި މައްސަލައިގައި ވީއޭއާރް މެދުވެރިވި ގޮތާމެދުވެސް ކުރީގެ ރެފްރީ ސުވާލު އުފެއްދި އެވެ. އޭނާ ބުނިގޮތުގައި އެ ހާދިސާއަކީ ވީއޭއާރްއިން ބަލަންޖެހޭ ފަދަ "ސާފު އަދި ފާޅުކަން ބޮޑު ކުށެއް" ނޫނެވެ. "ރެފްރީ ދަނޑުމަތީގައި ވަގުތުން އެއީ ފައުލެއް ކަމަށް ނިންމިނަމަ އެކަން ބަލައިގަނެވުނީސް. އެކަމަކު ކުޅުން ކުރިއަށްގެންދަން ދޫކޮށްލުމަށްފަހު، އަލުން އެނބުރި ގޮސް ލަނޑު ކެންސަލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ބުންޏެވެ.

ސްޕެއިންގެ ކުރީގެ މަޝްހޫރު ރެފްރީ އިތުރަލްޑޭ ގޮންޒާލޭޒްވެސް ބޯރޫލްގެ ވާހަކައަށް ތާއީދުކުރި އެވެ. އޭނާ ބުނިގޮތުގައި އެއީ ވަރަށް ކުޑަ ކުޑަ ކޮއްޓުމެކެވެ. ވީއޭއާރްގެ ފަލްސަފާއަށް ބަލާއިރު އެއީ އަލުން މުރާޖަޢާކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ދޫކޮށްލަންޖެހޭނީ ދަނޑުމަތީގެ ރެފްރީގެ ނިންމުމަށް ކަމަށް އޭނާ ބުންޏެވެ. "އެންމެ ބޮޑު މައްސަލައަކީ ފުޓްބޯޅައިގެ އުސޫލުތަކަކީ އަބަދުވެސް މުޅި ދުނިޔޭގައި އެއްގޮތަކަށް އޮންނަ އެއްޗެއް. އެކަމަކު ވީއޭއާރް އައި ފަހުން، އެއްވެސް އެއްގޮތް މިންގަނޑެއް ނެތި، އެކި މުބާރާތްތަކުގައި އެ ބޭނުންކުރާ ގޮތް ތަފާތުވޭ. މީގެ ސަބަބުން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އޮޅުން އަރާ." އޭނާ އިތުރަށް ބުންޏެވެ.

ފެނާންޑޭޒްގެ ލަނޑުގެ ކުރިން ހެދި ކުށް

މެޗުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް ޖެހި އާޖެންޓީނާ މޮޅުވި ލަނޑާމެދުވެސް ވަނީ ޝައްކުތަކެއް އުފެދިފަ އެވެ. ސަބަބަކީ އެންޒޯއަށް ބޯޅަ ޕާސްކޮށްދިން ލައުޓާރޯ މާޓީނޭޒްއަށް ބޯޅަ ލިބުމުގެ ކުރިން، މިޞްރުގެ މުޙައްމަދު ޞަލާޙަށް ފައުލްކޮށްފައިވާތީ އެވެ. "ޞަލާޙަށް ހުރަސްއެޅި ފައުލްކުރި. ރެފްރީ ވީއޭއާރް މެދުވެރިކޮށް އެ މަންޒަރު ބަލަންޖެހޭނެ." އާޖެންޓީނާގެ ކުރީގެ ތަރި ކްލައުޑިއޯ ލޮޕޭޒް ބުންޏެވެ.

"ބޯޅަ އޮތީ ޞަލާޙްގެ ފަހަތުގައި. އޭނާއަށް ހުރަސްއެޅި މާޓީނޭޒް ހުރީ ބޯޅައިގެ ކުރީގައި. ރެފްރީ ވީއޭއާރް ބަލަންޖެހޭނެ." ބީއިން ސްޕޯޓްސް ގައި މެޗު ދިރާސާކުރަމުން އޭނާ ބުންޏެވެ.

އިންގްލެންޑްގެ ލެޖެންޑްގެ ފާޑުކިޔުން

އިންގްލެންޑްގެ ފުޓްބޯޅަ ލެޖެންޑް އިއަން ރައިޓްވެސް ދެކޭގޮތުގައި، ހަމަލާ ފެށުނުއިރު މުޙައްމަދު ޞަލާޙަށް ފައުލްކޮށްފައިވާތީ ފެނާންޑޭޒްގެ ލަނޑު ކެންސަލްކުރަންޖެހޭނެ އެވެ.

"މިއީ މިހާރު ވީއޭއާރްއާއެކު ހިނގާގޮތް، ކުރީގެ ކަންކަން އަލުން ބަލަނީ. އޭރިއާ ބޭރުން ހެދި ފައުލަކަށް ބަލައި މިޞްރުގެ ލަނޑު ކެންސަލްކުރިނަމަ، މުޙައްމަދު ޞަލާޙަށް ކުރި ފައުލް ބަލައި އާޖެންޓީނާގެ ލަނޑުވެސް ކެންސަލްކުރަންޖެހޭނެ." އައިޓީވީ ސްޕޯޓްސް ގައި ވާހަކަދައްކަމުން ރައިޓް ބުންޏެވެ. "ޞަލާޙްގެ ގައިގާ ކޮއްޓާލި، އެއީ ފަހަރެއްގައި ކުޑަ ކަމަކަށް ވެދާނެ، އެކަމަކު އެއީ ފައުލެއް. އެއަށްފަހު ހަމަލާ ކުރިއަށްގޮސް އަނެއްކޮޅަށް ލަނޑު ވަނީ." އޭނާ އިތުރަށް ބުންޏެވެ.

ހިއްސާ ކުރައްވާ!