އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ރިޝްވަތުގެ ފައިސާ އެނބުރިކަމަށް ބަލައި އެފްބީއައި އިން ތަހުގީގެއް ފަށައިފި

އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން އެމެރިކާގައި ހިންގާ މާލީ މުއާމަލާތްތަކުގައި މަނީ ލޯންޑަރިންގ ގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަހުގީގެއް ފަށައިފި ކަމަށް އާޖެންޓީނާގެ ނޫހެއް ކަމަށްވާ "ލާ ނަސިއޮން" އިން ރިޕޯޓުކުރެ އެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން، އޭއެފްއޭއާ ގުޅުންހުރި ފައިސާތައް އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން ދައުރުކޮށްފައިވާ ގޮތާއި، އެކަމުގައި އެއްވެސް ކަހަލަ ޖިނާއީ ކުށެއް ހިމެނޭތޯ ތަހުގީގުކުރަމުން ގެންދެއެވެ. މި ތަހުގީގު ފަށާފައި މިވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިސްރާ ދެކޮޅަށް އާޖެންޓީނާ ހޯދި ޝައްކު ބޮޑު ކާމިޔާބީއާ ގުޅިގެން، ރެފްރީގެ ނިންމުންތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

"ލާ ނަސިއޮން" އިން ބުނާ ގޮތުގައި މި ތަހުގީގުގެ އެންމެ މުހިންމު އެއް އަމާޒަކީ ފްލޮރިޑާގައި ހުންނަ "ޓުއާ ޕްރޮޑް އެންޓަރ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެވެ. މި ކުންފުންޏަކީ އޭއެފްއޭގެ ބޭރުގެ މާލީ ކަންކަން ބަލަހައްޓާ ކުންފުނި ކަމަށް ބުނެވެއެވެ. އެ ނޫހުން ތުހުމަތުކުރާ ގޮތުގައި، އެ ކުންފުނީގެ ވެރިން ވަނީ ސިޓީ ބޭންކް، ބޭންކް އޮފް އެމެރިކާ، އަދި ޖޭޕީ މޯގަން ފަދަ އެމެރިކާގެ ބޮޑެތި ބޭންކުތައް މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައުރުކޮށްފައެވެ.

57 މިލިއަން ޑޮލަރުގެ މުއާމަލާތްތަކާ މެދު ސުވާލު

އެ ރިޕޯޓުގައިވާ ގޮތުން، އޭއެފްއޭއާ ގުޅުންހުރި 260 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މި ކުންފުނިން އެމެރިކާގެ ބޭންކިންގ ނިޒާމުގެ ތެރެއިން އަނބުރާފައި ވެއެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ފައިސާ ފިޔަވައި އެހެން ފައިސާތަކުގެ ހަރަދުތައް ކަނޑައެޅިގެން ބުނެދެވޭކަށް ނެތެވެ.

މީގެ އިތުރުން، 57 މިލިއަން ޑޮލަރު އެކި ކުންފުނިތަކަށާއި ތަފާތު ފަރާތްތަކަށް ބަދަލުކޮށްފައިވަނީ އެއްވެސް ހަރުދަނާ ސަބަބެއް ނެތިކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. މި ފައިސާ ލިބުނު ބައެއް ކުންފުނިތަކުން އެއްވެސް ޚިދުމަތެއް ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެއެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ކްލަބުތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ރައީސް ހާވިއޭ މިލޭއާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކުގެ އިތުރުން، އެފްއޭގެ ރައީސް ޓަޕިއާގެ މައްޗަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވެއެވެ. އަދި މިދިޔަ މާރިޗު މަހު އޭނާގެ މައްޗަށް ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ ވެސް އުފުލާފައިވެއެވެ.

ހިއްސާ ކުރައްވާ!