ކަޝްމީރުގެ ކޮލެޖުތަކުގައި އިސްލާމިކް ސްޓަޑީޒްއިން ފެއިލް ވަނީ

ޖައްމޫ ކަޝްމީރުގެ ކޮލެޖު ކެމްޕަސްތަކުގައި މިއަދު ފެންނަމުން މިދަނީ މީޑިއާގެ ސުރުޚީތަކަށް ނާރާ، އެކަމަކު ވަރަށް ފުން އަދި ހިތާމަވެރި ބަދަލެކެވެ. އެއްޒަމާނެއްގައި އެ ސަރަހައްދުގެ ފިކުރީ އަދި ސަގާފީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި އޮތް އިސްލާމިކް ސްޓަޑީޒް ދީނޖއްޔާތު ގެ ދާއިރާ، މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ.

މިއީ ކުއްލިއަކަށް ހިނގި ކަމެއް ނޫނެވެ. މިއީ އަހަރުތަކެއް ވަންދެން އެއްވަމުން އައި އިހުމާލުތަކާއި، ދިރާސީ ގޮތުންނާއި އަމިއްލަ ފަރުދީ ފެންވަރުގައި ލިބުނު ފޭލިވުންތަކުގެ ނަތީޖާއެކެވެ.

މި މައްސަލައިގެ ބާވަތް، ލިބެން ހުރި ރަސްމީ ހިސާބުތަކުން ވަރަށް ސާފުކޮށް ފެނެއެވެ. ޖައްމޫ ކަޝްމީރުގެ އެޑްމިޝަން ޕޯޓަލްގައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދަރިވަރުން އިސްލާމިކް ސްޓަޑީޒް ކިޔަވާ ނިސްބަތް ވަނީ ބިރުވެރި މިންވަރަކަށް ދަށަށް ގޮސްފައެވެ.

ސަރުކާރުގެ ޑިގްރީ ކޮލެޖު ބިޖްބެހާރާގައި 158 ޖާގަ އޮތްއިރު، އެ ކޯހަށް ވައްދާފައިވަނީ އެންމެ 3 ދަރިވަރުންނެވެ. ހަމައެގޮތަށް، ޑިގްރީ ކޮލުޖު ޓަންގްދާރް، ޑިގްރީ ކޮލެޖު ޑީ.އެޗް ޕޯރާ، އަދި ވުމަންސް ކޮލެޖް ނަވާކަދަލް ފަދަ ތަންތަނުގައި އެއްވެސް ދަރިވަރަކު މި ކޯހަށް ރަޖިސްޓްރީ ވެފައެއް ނުވެއެވެ.

މިއީ ހަމައެކަނި ޑިޕާޓްމަންޓްތަކުގެ ފެއިލްވުމެއް ނޫނެވެ. މިއީ ޢިލްމީ ގޮތުން ހުރި ތަފާތުތައް ނެތިގެން ދިއުމުގެ ނިޝާނެކެވެ.

މި ދާއިރާ ހީނަރުވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، ސްކޫލު ނިޒާމުގެ ތެރޭގައި (10+2 ލެވެލްގައި) މި މާއްދާ ނެތުމެވެ. ކޮލެޖުތަކަށް އަންނަ ދަރިވަރުންނަށް މި ދާއިރާގެ އުސޫލުތަކާއި، މި ދާއިރާއިން ކުރެވޭ ދިރާސާތަކާ މެދު އެއްވެސް ވަރަކަށް ކުރިން އެނގިފައި ނުހުރެއެވެ. އެހެންކަމުން، މި މާއްދާ ދަރިވަރުން އިޚްތިޔާރު ކުރަން ބޭނުމެއް ނުވެއެވެ. ނުވަތަ ކިޔަވަނީ އެހެން ކޯހެއް ނުލިބިގެންނެވެ.

މީގެ އިތުރުން، އިސްލާމިކް ސްޓަޑީޒްއަކީ ދީނީ ތަޢުލީމުދޭ މަދުރަސާތަކުގައި ކިޔަވައިދޭ ފަދަ މާއްދާއެއް ކަމަށް އާންމުންނަށް ހީވެފައި އޮތުމަކީ ވެސް ލިބޭ ބޮޑު އުނިކަމެކެވެ. މިއީ ތާރީޚާއި، ފަލްސަފާއާއި، ފިޤްހީ އަދި ޢިލްމީ ދިރާސާތައް ހިމެނޭ ފުޅާ ދާއިރާއެއްކަން ދަރިވަރުންނަށް އަދި ބެލެނިވެރިންނަށް ނުވިސްނެއެވެ.

މި ދާއިރާގެ މުސްތަޤްބަލާ މެދު ދަރިވަރުންނާއި ބެލެނިވެރިން ވެސް ޖެހިލުންވެއެވެ. ވަޒީފާގެ ބާޒާރުގައި އިސްލާމިކް ސްޓަޑީޒް ހަދާފައިވާ ދަރިވަރުންނަށް ހުރި ފުރުސަތުތައް ވަރަށް ހަނިކަމަށް ގަބޫލުކުރެވެއެވެ. "އިގްތިސާދީ ގޮތުން ފައިދާއެއް ނެތް މާއްދާއެއް ކަމަށް ބެލެވޭތީ، އެ މާއްދާގެ ޢިލްމީ އަގު ހުއްޓަސް ދަރިވަރުން އެއަށް ޝައުޤުވެރި ނުވަނީއެވެ،" އެއް ފަރާތަކުން ފާހަގަކުރެއެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި ޚުދު އެ ދާއިރާގެ މުދައްރިސުންގެ އަމަލުތަކާ މެދު ވެސް ބޮޑެތި ސުވާލުތަކެއް އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ދަރިވަރުން ޝައުޤުވެރިކުރުވަން މަސައްކަތް ކުރާއިރު، އަނެއް ބަޔަކު ވަނީ އެކަމަށް ފަރުވާކުޑަކޮށްފައެވެ.

އާންމުކޮށް ވާހަކަ ދެކެވޭ ގޮތުގައި، ބައެއް މުދައްރިސުން މި ދާއިރާ ހީނަރުވުމަށް ދޫކޮށްލަނީ، އެއީ ޑިޕާޓްމަންޓްތައް އަމިއްލަ ރަށަށް ބަދަލުވުމުގެ ފުރުސަތު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. މިއީ ސޯޝަލް މީޑިއާގައި އިސްލާމީ ފިކުރީ ކަންކަމާ ބެހޭގޮތުން ބޮޑެތި ވާހަކަތައް ދައްކާ ފަރާތްތަކުގެ އަމަލުތަކާ ދިމާ އިދިކޮޅު ކަމެކެވެ.

ކުރިމަތީގައި އޮތް ގޮންޖެހުން

މިހާރު މި އޮތް ހިސާބުތަކަކީ އިންޒާރުގެ ރަނގަބީލެކެވެ. ޖައްމޫ ކަޝްމީރުގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއަރަމުން އަންނައިރު، މި ދާއިރާ މިގޮތަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ދެން އޮތީ ދެ ގޮތް ކަމަށް ބުނެ އެވެ. އެއީ، ސްކޫލު ފެންވަރުން ފެށިގެން ކޮލެޖުތަކާ ހަމައަށް މި ދާއިރާ ހަރުދަނާކޮށް، އަލުން ދިރުވުން، ނުވަތަ އިޚްލާސްތެރިކަމާއެކު މި ދާއިރާ ބަންދުކުރަން ގޮވާލުމެވެ. އެއްވެސް ފައިދާއެއް ނެތް ގޮތަކަށް، މި ޑިޕާޓްމަންޓްތައް ލައިފް ސަޕޯޓް ގައި ބޭއްވުމުން ލިބޭނެ މަންފާއެއް ނެތެވެ.

އިސްލާމިކް ސްޓަޑީޒްއަކީ ހަމައެކަނި މާއްދާއެއް ނޫނެވެ. އެއީ ކަޝްމީރުގެ ސަގާފަތާއި، ތާރީޚާއި، އަދި ފިކުރީ އާރޯކަމާ ގުޅިފައިވާ ދާއިރާއެކެވެ. މިއީ މި ދާއިރާގެ ވެރިންނާއި، މުދައްރިސުން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވިސްނަންޖެހޭ މުހިންމު ކަމެއް ކަމަށް ބުނެއެވެ. މި ދާއިރާ ދިރުވަން މަސައްކަތް ކުރާނީތޯ، ނުވަތަ މި ދާއިރާ ނެތިގެން ދާތަން ބަލަން ހުންނާނީތޯ މިއީ މިހާރު ކަޝްމީރު މުސްލިމުންނަށް ކުރިމަތި ވެފައިވާ ސުވާލެވެ.

ހިއްސާ ކުރައްވާ!