ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީ، އަދި އެ ޤައުމުގެ ކުރީގެ އަމީރު، އަމީރު އަލް-ވާލިދު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، 74 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ. އަމީރު އަވަހާރަވިކަން އިއުލާންކުރެއްވީ ޤަޠަރުގެ ދީވާނުލްއަމީރީއިން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
"މާތް ﷲގެ ޤަޟާޤަދަރަށް އީމާންވެ ތިބެ، ހިތާމަޔާއެކު ދީވާނުލްއަމީރީން އިއުލާންކުރަނީ ޤައުމުގެ ބަތަލު، އަމީރު އަލްވާލިދު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ މިއަދު ހެނދުނު އަވަހާރަވެފައިވާކަމަށެވެ،" އެ ބަޔާނުގައިވެއެވެ.
ޝައިޚް ޙަމަދަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޤަޠަރުގައި ވެރިކަން ކުރެއްވި އަމީރެވެ. އަމީރުގެ ވެރިކަމުގެ ދައުރަކީ ޤަޠަރުގެ ތާރީޚުގައި ބަދަލުތަކެއް ގެނައި މުހިންމު ދައުރެކެވެ. ޤައުމުގެ ދާއިމީ ޤާނޫނުއަސާސީ އެކުލަވާލުމާއި، "ޤަޠަރު ނޭޝަނަލް ވިޝަން 2030″ ގެ ދަށުން އިޤްތިޞާދީ އަދި އިޖުތިމާޢީ ބޮޑެތި ބަދަލުތަކެއް ގެނެސް، ޤަޠަރު ދުނިޔޭގެ މައިދާނުގައި ފާހަގަކޮށްލެވޭ ފެންވަރަށް ގެންގޮސްދެއްވީ އަމީރުގެ އިރުޝާދުގެ ދަށުންނެވެ.
1952 ވަނަ އަހަރު ދޯހާގައި އުފަންވެވަޑައިގެންނެވި ޝައިޚް ޙަމަދަކީ، ތަޢުލީމީ ގޮތުންނާއި އަސްކަރީ ގޮތުން ޤާބިލު ބޭފުޅެކެވެ. އަމީރު ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ސޭންޑްހާސްޓް މިލިޓަރީ އެކެޑަމީއިން ތަޢުލީމު ހާސިލުކުރައްވައި 1971 ވަނަ އަހަރު ދަސްވެނިވެވަޑައިގެންފައެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 1977 ވަނަ އަހަރު ވަލީއުލްއަހުދުގެ މަޤާމަށް ވަޑައިގެން، ޑިފެންސް މިނިސްޓަރުކަން ކުރެއްވިއެވެ. އަދި 1989 ވަނަ އަހަރު ޤަޠަރުގެ ސިޔާސަތުތައް ކަނޑައަޅާ މަތީ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވިއެވެ.
2013 ވަނަ އަހަރު، ޝައިޚް ޙަމަދު އަމިއްލަފުޅަށް ވެރިކަމުން ދުރުވެވަޑައިގެން، ވެރިކަމުގެ ބާރުތައް މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ހަވާލުކުރެއްވިއެވެ. އެއީ ޢަރަބި ދުނިޔޭގައި އޭރު ފެނިގެންދިޔަ މަދު ސުލްހަވެރި ވެރިކަން ބަދަލުވުންތަކުގެ ތެރެއިން ފެނުނު ކަމެކެވެ.




