"ފްރޮގް ބޯއިސް" ނުވަތަ ބޮއްގެ ކުދިންނޭ ބުނުމުން މިއީ ކޭ-ޕޮޕް ބޭންޑެއްގެ ނަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް، މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ހިނގި އެންމެ ބިރުވެރި، އަދި އެންމެ ހިތްދަތި މުައައްސަސާތަކުގެ އިހުމާލުގެ ސިއްރާ ގުޅިފައިވާ ނަމެކެވެ.
1990 ގެ އަހަރުތަކުގެ ކުރީކޮޅު، ފަސް ކުޑަކުދިން ކުޅެން ނިކުތް ގޮތަށް އެނބުރި ގެއަކަށް ނާދެއެވެ. އެ ކުދިން ގެއްލުމާއެކު މުޅި ގައުމަށް ސިހުން ލިބުނެވެ. ކިރު ކާޓަންތަކުން ފެށިގެން ސައިބޯނި ފޮށިތަކާ ހަމައަށް އެ ކުދިންގެ މޫނުތައް ޕްރިންޓުކޮށް ހޯދުމަށް ކުރި މަސައްކަތް ފެންނަން ހުއްޓެވެ. 1991 ވަނަ އަހަރުގެ މާރިޗު މަހަށެވެ. ދެކުނު ކޮރެއާގެ ރަށްފުށުގެ ކުޑަ އަވަށެއްގެ ފަސް ކުއްޖަކު އެއް ފަހަރާ، ކުއްލި ގޮތަކަށް ގެއްލުނު ބިރުވެރި ދުވަހެވެ.
އެ ކުދިންގެ މޫނުތައް ރައްޔިތުންނަށް ފަހުން ހުރިހައި ތަނެއްގައި ފެންނާން ހުއްޓެވެ. ފާރުތަކުގައެވެ. ސުޕަމާކެޓްތަކުގެ އުފެއްދުންތަކުގައެވެ. ނަމަވެސް އެ ކުދިން ފެނުނު ކޮންމެ ތާކުންވެސް ލިބެން ހުރީ ފުލުހުން ނެރުނު އިޝްތިހާރުގައިވާ އެއް މައުލޫމާތުތަކެކެވެ.
އިޝްތިހާރުގެ އެންމެ މަތީގައި ވަނީ އިނާމެކެވެ: 42 މިލިއަން ކޮރެއަން ވޮން އެވެ. އޭރުގެ ރޭޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް 81,000 އެމެރިކާ ޑޮލަރެވެ. އެ ކުދިންގެ ފޮޓޯތަކުން ފެންނަނީ، ޅައުމުރުގައި ޒަމާނަށް ހުއްޓިފައިވާ ފަސް މޫނެވެ. މިކުދިންގެ އުމުރަކީ 10އާއި 14 އަހަރެވެ. މި ފަސް ކުދިން ގެއްލުނީ 1991 ވަނަ އަހަރުގެ މާރިޗު 26 ގައެވެ.
1991 ވަނަ އަހަރަކީ ދުނިޔެ ބޮޑެތި ބަދަލުތަކެއްގެ ތެރޭގައި އޮތް އަހަރެކެވެ. ގަލްފު ހަނގުރާމަ ނިމި، އެމެރިކާގައި ރޮޑްނީ ކިންގްއަށް ފުލުހުން އަނިޔާކުރި ވީޑިއޯއިން މުޅި ދުނިޔެ ސިއްސުވާލިއެވެ. ސޯވިއެޓް ޔޫނިއަން އޮތީ ރޫޅުމުގެ ފަހު މަރުހަލާގައެވެ.
ދެކުނު ކޮރެއާއަށް ދިގު މުއްދަތެއްގެ އަސްކަރީ ޚުދުމުޚުތާރު ވެރިކަމަކަށްފަހު ޑިމޮކްރަސީ އިއާދަވެފައި އޮ
ތް ދުވަސްވަރެކެވެ. މާރިޗު 26 އަކީ ގައުމުގައި 30 އަހަރަށްފަހު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު އޮތް ތާރީހީ ދުވަހެވެ. ސަރުކާރު ބަންދު ދުވަހެކެވެ.
ދޭގޫ ސިޓީގެ ސިއޮންގްސިއޯ އަވަށުގެ މި ކުދިންނަށް މި ސިޔާސީ ބަދަލުތަކަކީ މުހިންމު އެއްޗެއް ނޫނެވެ. އެކުދިންނަށް އެއީ ސްކޫލް ބަންދު، މުޅި ދުވަހު ކުޅެން ލިބުނު ރަން ދުވަހެކެވެ.
އެންމެ ދޮށީ ކުއްޖާ، އޫ ޗިއޮލް-ވޮންގެ ބައްޕަ އެ ދުވަސް ހަނދާން ހުރީ އިއްޔެވީ ކަމެއް ފަދައިންނެވެ. ހެނދުނުން ފެށިގެން ދަރިފުޅު އުޅުނީ ބޭރުގައި ކުޅޭށެވެ. ބައްޕަ ވޯޓުލާން ދާން ތައްޔާރުވަނިކޮށް، "ވޮން" ގެޔަށް ވަދެ ޖެކެޓް ހިފައިގެން ނިކުންނަން އުޅުނެވެ. ވޯޓުލާ ތަން ބަލަން ދާން ބައްޕަ ދައުވަތު ދިނުމުން، ދަރިފުޅު ބުނީ ރައްޓެހިންނާއެކު ކައިރި ފަރުބަދައަށް އަރަން ދާން ރާވާފައިވާ ކަމަށެވެ. އެއީ ބައްޕައަށް ދަރިފުޅު ފެނުނު ފަހު ފަހަރެވެ.
އެ ދުވަހު އެ ކުދިން ދަތުރުކުރި ގޮތް އެނގެނީ މަގުމަތިން ދިމާވި މީހުންގެ ހަނދާންތަކުންނެވެ.
- ސުޕަމާކެޓް ކައިރިން: 13 އަހަރުގެ ޖޯ-ހޯޔިއޮންގެ ބޭޭބެއާ ކުދިން ދިމާވިއެވެ. ފަރުބަދައަށް ދާ ވާހަކަ ބުނުމުން، އިރުއޮއްސުމުގެ ކުރިން ގެޔަށް އައުމަށް ބޭބެ ނަސޭހަތްތެރިވިއެވެ.
- ސްކޫލް ކުޅޭމައިދާނުން: އަވަށުގެ އެހެން ކުއްޖަކާ ދިމާވެ، ސަލަމަންޑާ ބިސް ހޯދަން ދާން ދައުވަތު ދިނެވެ. އެ ކުއްޖާ ދާން އުޅެފައި ގެޔަށް ދިޔައީއެވެ. އޭނާ ބުނި ގޮތުގައި ކުދިން ދިޔައީ ފަރުބަދައާ ދިމާލަށް ހުރި ސިޑިން އަރައިގެންނެވެ.
- ފަރުބަދަ ބުޑުން: އިތުރު ބަޔަކަށް ކުދިން ފެނުނެވެ. އެކުދިންގެ އަތުގައި ދަނޑިބުރިތަކާއި ކިރު ހުސްކުރި ކާޓަންތައް ހުއްޓެވެ. އެއީ ދޫނި ބިސްތައް އަޅާށެވެ.
މައިންބަފައިންގެ ހިތަށް ނުތަނަވަސްކަމެއް ވެރި ވުމަކީ ތަބީއީ ކަމެކެވެ. ހެނދުނު 11 ޖެހިއިރު ކިމް ޖޮންގް-ސިކްގެ މަންމައަށް ނުތަނަވަސްކަމެއް އިހުސާސް ކުރެވިގެން ދަރިފުޅު ހޯދަން ނިކުތެވެ. މެންދުރު ކާންވެސް ކުއްޖާ ނައުމުން ބިރުވެރިކަން ބޮޑުވިއެވެ.
ހަވީރުވިއިރު، ހުރިހާ އާއިލާތަކެއް ތިބީ ފުލުސް އޮފީހުގައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ފެނުނީ ފަރުވާކުޑަކަމެވެ. އެމީހުން ހީކުރީ ކުދިން ގިނަވެގެން ކުޅެން އުޅެނީ ކަމަށެވެ. އެކަމަކު އާއިލާތަކަށް އެނގެއެވެ؛ މިއީ އެ ކުދިންގެ އާދައެއް ނޫނެވެ. އެ ދުވަހު އެކުދިން އެންމެ ލޯބިވާ ޓައެކްވަންޑޯ ކްލާހަށް ދާން އޮތް ދުވަހެކެވެ. ކްލާސް ކެންސަލް ކުރެވޭނެ ކަމަށް މުދައްރިސް ބުނުމުންވެސް، ކުދިން ތިބީ ދާން ބޭނުންވެފައެވެ. ކްލާހަށް ނުގޮސް، މިހާ ލަސްވުމަކީ އެއްގޮތަކަށްވެސް ވެދާނެ ކަމެއް ނޫނެވެ.
އެރޭ ދަންވަރު ފުލުހުންނާއި މައިންބަފައިން ފަރުބަދައަށް އަރައި ކުދިން ހޯދަން އުޅުނެވެ. ނަމަވެސް އަނދިރިކަމުން ހޯދުން ހުއްޓާލައި، ހެނދުނަށް ފަސްކުރިއެވެ. ގިނަ މީހުން ހީކުރީ ހެނދުނު ކުދިން އެނބުރި އަންނާނެ ކަމަށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބަަަޕައިން ރޭލު ސްޓޭޝަންތަކާއި ބަސް ޓާމިނަލްތައް ހޯދަމުން ދިޔައިރު، މަންމަައިން ތިބީ ފޯނު ކައިރީގައެވެ. މިއީ މުޅި ގައުމުގެ ބޮޑު ޚަބަރަކަށް ވިއެވެ.
"ތިޔަބައިމީހުންގެ ދަރިން ތިބީ މަގޭ އަތުގައި. 4 މިލިއަން ވޮން ހިފައިގެން ދޭގޫ ސްޓޭޝަންގެ ރޭލު ދަގަނޑު މައްޗަށް އާދޭ." އެއްދުވަހަކު އައި ފޯނު ކޯލެއްގައި މީހަކު ބުންޏެވެ.
އާއިލާތަކުން ބުނި ގޮތަށް ކަންތައް ކުރިއެވެ. ނަމަވެސް އެތަނަށް އެކަކުވެސް ނައެވެ. އެއީ ހިތްދަތި ސަސްޕެންސެއްގެ ފެށުމެވެ. ދެން އައީ އޮޅުވާލުމަށް ކުރި ކޯލްތަކެވެ. އެއްދުވަހަކު ޖޮންގް-ސިކްގެ މަންމައަށް އައި ކޯލަކުން ދަރިފުޅުގެ އަޑާ ވައްތަރު އަޑަކުން "މަންމާ" އޭ ކިޔާފައި "އާނއެކޭ" ބުނެ ފޯނު ކަނޑާލިއެވެ. އަޑު ދިރާސާކުރި މާހިރުންނަށްވެސް ކޯލް ކުރުކަމުން ވަކި އެއްޗެއް ސާބިތެއް ނުކުރެވުނެވެ.
މީޑިއާއިން މި ކުދިންނަށް "ފްރޮގް ބޯއިސް" ގެ ނަން ދިނީ ސަލަމަންޑާގެ ބަދަލުގައެވެ. ރައީސް ރޯ ޓޭ-ވޫގެ އަމުރަށް 3 ލައްކަ ފުލުހުންނާއި ސިފައިން ނެރުނެވެ. ސައިބޯނި ފޮށިތަކުގައާ. ސިނގިރޭޓް ފޮށިތަކުގައި ކުދިންގެ ފޮޓޯ ޖެއްސެވެ. އެކަމަކު ތިން އަހަރުވީއިރުވެސް ހަބަރެއް ނުވިއެވެ.
މައިންބަފައިންނަށް މާޔޫސްކަން ވެރިވިއެވެ. "އަހަރެމެންގެ ވަޒީފާ ދޫކޮށް މުޅި ގައުމު ހޯދައިފިން. ދެން އިތުރަށް ކުރިއަށް ނުދެވޭނެ. ހޯދުން ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށް، މުުއުޖިޒާތަކަށް އުންމީދު ކުރަން." ބަައްޕައިން އުންމީދު ކަނޑާލައި، ބަޔާނެއް ނެރުނެވެ.
އާދައިގެ ދިރިއުޅުމަކަށް އެނބުރި ދާން އުޅެނިކޮށް، 1996 ގައި ބޮޑު ތުހުމަތެއް ކުރެވުނެވެ. މަޝްހޫރު ޔުނިވަރސިޓީއެއްގެ ނަފްސާނީ އިލްމުވެރިޔާ، ކިމް ގާ-ވޮން ބުނީ ޖޮންގް-ސިކްގެ ބައްޕަ އަމިއްލައަށް ކުދިން މަރާލައި ގޭގެ ފާޚާނާގެ ދަށުގައި ވަޅުލާފައިވާ ކަމަށެވެ. ފުލުހުން އެ ގެ ކޮނެ ހެދިއިރު ފެނުނީ ހަމައެކަނި ކުއްޖާގެ ބޫޓެކެވެ. އެއީ އޭނާގެ ގެއަށް ވުމުން ބޫޓު ފެނުމަކީ ހެކިތަކެއް ނޫނެވެ. އެ ބައްޕަގެ ހިތް ފަޅައިގެން ގޮސް، 2001 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވިއެވެ.
ފެނުން: 11 އަހަރުވީ ހަށިގަނޑުތައް
2002 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ގައި، ކުދިން ފެނުނީ އެމީހުން އުޅުނު އަވަށާ އެންމެ 1 ކިލޯމީޓަރު ދުރުން، ފަރުބަދައަށް އަރައިގެން އުޅުނު މީހަކަށެވެ.
3 ލައްކަ މީހުންނަށް ނުފެނުނު ހަށިގަނޑުތައް ފެނުނީ ފަރުބަދައިގެ އެހެން ދިމާއަކުންނެވެ. ފުލުހުންގެ ފުރަތަމަ ރިޕޯޓުގައި ބުނީ ކުދިން "ފިނިވެގެން މަރުވީ" ކަމަށެވެ. ނަމަވެސް އާއިލާތަކުން އެކަން ގަބޫލެއް ނުކުރިއެވެ. ފިނިވެގެން މަރުވިނަމަ 11 އަހަރު ވަންދެން ނުފެނި ނުހުންނާނެ ކަމަށް ބުންޏެވެ.
ހަށިގަނޑުތައް ހުރީ އެއްކޮށް ގޮށްޖެހި، ހެދުންތައް އާދަޔާ ހިލާފަށް ބަނދެވިފައެވެ. މަހެއްހާ ދުވަސް ފަހުން ފޮރެންސިކް ރިޕޯޓުން އެނގުނީ ކުދިން މަރާލާފައިވާ ކަމެވެ.
"ތިން ކުއްޖެއްގެ ބޮލުގެ ނާށިގަނޑުގައި ދަގަނޑު ހަތިޔާރަކުން ޖަހާފައިވާ 15 އަށްވުރެ ގިނަ ލޯވަޅު ހުއްޓެވެ." ފޮރެންސިކް މާހިރު، ޕައެކް ޖުންގް-ސިކްގެ ރިޕޯޓްގައި ބުންޏެވެ.
2004 ގައި ކުދިންގެ ހަށިގަނޑު އަންދާލައި ވަޅުލެވުނު ނަމަވެސް، ނާށިގަނޑުތައް އާއިލާތަކުން ބެހެއްޓީ ހެކީގެ ގޮތުގައެވެ. ނަމަވެސް 2006 ގައި މައްސަލައިގެ ދައުވާ ކުރާ މުއްދަތު ހަމަވުމުން، ގާތިލު ފެނުނަސް އަދަބެއް ނުދެވޭނެ ގޮތް ވިއެވެ.
ޖަވާބެއް ނެތް ސުވާލުތައް
2022 ގައި މި މައްސަލަ އަލުން އިންޓަނެޓުގައި ބޮޑުވިއެވެ. މީހަކު ބުނި ގޮތުގައި ކުދިން މަރާލީ މިން އަޅަން ބޭނުން ކުރާ ކޮޅު އޫ އާލާތެއް ބޭނުންކޮށްގެންނެވެ. މީޑިއާގެ ފަރާތްތަކުން މިކަން ދިރާސާކުރިއެވެ. ސައިންސްވެރިން ބުނީ ބޮލުގައި ހުރި އެކްސް ބައްޓަމުގެ ލޯވަޅުތަކަކީ އެފަދަ އެއްޗަކުން އެކަނި ހެދޭނެ އެއްޗެއް ނޫން ކަމަށެވެ. ސިފައިންގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ހެކިބަސް ދިން މީހުން ތިއްބަސް، ސިފައިން އެކަން ދޮގުކުރެއެވެ.
މި މައްސަލަ އަދިވެސް އޮތީ ރަސްމީކޮށް ހުޅުވިފައެވެ. ހައްލެއް ނުކުރެވެއެވެ. ދޮށީ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ކުރިން އެމީހުން އެދެމުން ދިޔައީ ހުވަފެނުން ނަމަވެސް ދަރިން ފެނި ހަގީގަތް އެނގުމަށެވެ. ނަމަވެސް މިހާރު އެމީހުންގެ ހަމައެކަނި ދުއާއަކީ އެ ކުދިންގެ ފުރާނައަށް ދާއިމީ ހަމަޖެހުން ލިބުމެވެ.







