2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތަކާއެކު، އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ކަޅު ނަސްލުގެ ނުވަތަ ކުލައިގެ ދަރިކޮޅުގެ އެއްވެސް ކުޅުންތެރިއަކު ނެތުމުގެ މައްސަލަ އަނެއްކާވެސް މިވަނީ ބައިނަލްއަޤުވާމީ ބަހުސަކަށް ވެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ދައުރުވި ވައިރަލް ޕޯސްޓަކާއެކު ފެށުނު މި ބަހުސަކީ، ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ހުއްޓިފައިވާ ބަހުސެއް ނޫނެވެ. މިއީ އެ ޤައުމުގެ ފޮރުވިފައިވާ ދިގު ތާރީޚާއި، މިއަދުގެ ސިޔާސީ މިސްރާބާ ގުޅިފައިވާ ފުން މައްސަލައެކެވެ.
ނިޒާމީ ގޮތެއްގައި ކަޅު ނަސްލުގެ އާބާދީ ފޮހެލުން: ތާރީޚީ ޙަޤީޤަތް
އާޖެންޓީނާއަކީ އަބަދުވެސް "ދޮން" ޔޫރަޕް ބައްރުގެ މީހުންގެ ޤައުމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، 18 ވަނަ އަދި 19 ވަނަ ޤަރުނާ ހަމައަށް އެ ޤައުމުގެ ބޮޑެތި ސިޓީތަކުގެ އާބާދީގެ 8% އާއި 12% އަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. ދޮން މީހުން އިންސާނުންގެ ވަފުފާރިކޮށް އުޅުނު އިސްތިޢުމާރީ ދުވަސްވަރު 200,000 އަށްވުރެ ގިނަ އެފްރިކާ މީހުން އަޅުންގެ ގޮތުގައި އެ ޤައުމަށް އެތެރެކުރިއެވެ.
ނަމަވެސް، މި އާބާދީ ނިޒާމީ ގޮތެއްގައި މަދުކޮށްލުމަށް އާޖެންޓީނާ ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ.
-
ހަނގުރާމަތަކަށް ފޮނުވުން: 19 ވަނަ ޤަރުނުގައި ހިނގި ދާޚިލީ ހަނގުރާމަތަކާއި، ޚާއްޞަކޮށް "ޓްރިޕަލް އެލަޔަންސް ހަނގުރާމަ" (1864-1870) ގައި، އާޖެންޓީނާގެ ސަރުކާރުން އެފްރިކާ ދަރިކޮޅުގެ ފިރިހެނުން އެންމެ ކުރީ ސަފުގައި އުޚުމަށް ހަނގުރާމައަށް ފޮނުވިއެވެ. މީގެ ސަބަބުން ކަޅު ނަސްލުގެ ފިރިހެން އާބާދީ ވަރަށް ބޮޑަށް މަދުވެ މީހުން މަރުވެގެން ދިޔައެވެ.
-
"ދޮންކުރުމުގެ" ސިޔާސަތު: ގައުމުގެ އާބާދީ ދޮން ކުރުމަށްޓަކައި ހަނގުރާމަތަކުން ސަލާމަތްވި މީހުން މުޖުތަމަޢުގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދިއެވެ. މީގެ އެންމެ އިސް މޭސްތިރިއަކީ 1868 އިން 1874 އަށް ރައީސްކަން ކުރެއްވީ އާޖެންޓީނާގެ 7 ވަނަ ރައީސް ޑޮމިންގޯ ފައުސްޓީނޯ ސަރްމިއެންޓޯ އެވެ. އޭނާގެ ފަލްސަފާއަކީ ޤައުމު ތަހުޒީބު ކުރުމަށްޓަކައި ކަޅު މީހުންނާއި އަސްލު ވަޒަންވެރިން ނައްތާލައި، ޔޫރަޕްގެ ދޮން މީހުންގެ އާބާދީ އިތުރު ކުރުމެވެ.
-
ޤާނޫނީ ބާރުވެރިކަން: 1853 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގެ ދަށުން، ޔޫރަޕްގެ ދޮން މީހުން އާޖެންޓީނާއަށް ހިޖުރަކުރުމަށް ވަރަށް ބޮޑަށް ހިތްވަރުދީ، މަގުފަހިކޮށްދިނެވެ. މިކަމުގެ ސަބަބުން މިލިއަނުން ޔޫރަޕް މީހުން އެތެރެވެ، ކަޅު ނަސްލުގެ މީހުންގެ ވަށައިގެންވާ މުޖުތަމަޢު ބަދަލުވެ، އެމީހުންގެ ސަގާފީ އަދި ނަސްލީ އައިޑެންޓިޓީ މަޑުމަޑުން ފޮހެވިގެން ދިޔައެވެ.
ފުޓްބޯޅަ ޓީމުން މި ޙަޤީޤަތް ރަމްޒުކޮށްދެނީ ކީއްވެ؟
މިއަދު އާޖެންޓީނާގެ ޤައުމީ ޓީމުގައި ކަޅު ނަސްލުގެ ކުޅުންތެރިން ނެތީ، އެގައުމުގެ ތާރީޚީ "ދޮންކުރުމުގެ" ސިޔާސަތުގެ ސަބަބުންނެވެ. ނަމަވެސް، ބޭރުފުށުން ކިތަންމެ ދޮން ނަމަވެސް، ލޭގެ ގޮތުން އެ ޤައުމުގެ ރައްޔިތުންނަކީ މަސްހުނި ބައެކެވެ.
2025 ވަނަ އަހަރު ބުއެނޮސް އައިރެސްގެ އާބާދީގެ ޖީންސްތައް ދިރާސާކޮށް ޝާއިޢުކުރި ރިޕޯޓަކުން ދައްކާގޮތުގައި، އެ ޤައުމުގެ ރައްޔިތުންގެ ޖީންސް އެކުލެވިގެންވަނީ:
- 84% ޔޫރަޕް ދަރިކޮޅުން
- 12.5% އެ ޤައުމުގެ އަސްލު ވަޒަންވެރިން
- 3.4% އެފްރިކާގެ ސަބް-ސަހާރާ ދަރިކޮޅުން
މީގެ އިތުރުން، ފުޓްބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކާބަފައިންގެ ނަސްލު 2022 ގައި ދިރާސާކުރި އިރު، އޭނާގެ ނަސްލުވެސް މިނިވަންކަމުގެ ހަނގުރާމައިގައި އުޅުނު އެފްރިކާގެ އަޅުންނާ ގުޅޭކަމަށް ހެކިތައް ލިބިފައިވެއެވެ. މިއީ މިއަދުގެ ޓީމުގެ ކުޅުންތެރިންގެ ކުލައަށް ބަލާފައި އެމީހުންގެ ނަސްލު ދޮންކަމަށް ނިންމުމަކީ ޙަޤީޤަތާ ޚިލާފު ކަމެއްކަން ސާބިތުވާ ކަމެކެވެ.
އާޖެންޓީނާގެ ޒަޔަނިސްޓް ފިކުރާއި އިސްލާމްދީނާ ދެކޮޅު ސިޔާސަތުތައް
އާޖެންޓީނާގެ ތާރީޚީ ނަސްލީ ތަފާތުކުރުންތަކުގެ ބަހުސް ހިނގަމުންދާ މި ދަނޑިވަޅުގައި، އެ ޤައުމުގެ މިއަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށްވެސް ދުނިޔޭގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކަނާތު ފިޔައިގެ ހަރުކަށި ރައީސް ހާވިއޭ މިލެއިގެ ސިޔާސަތުތަކުން މިކަން ވަރަށް ސާފުކޮށް ފެނެއެވެ.
"ދުނިޔޭގައި ހުރި އެންމެ ބޮޑު ޒަޔަނިސްޓް ރައީސަކީ އަހަރެން." ހާވިއޭ މިލެއި، ޔެޝީވާ ޔުނިވަރސިޓީގައި ވާހަކަދައްކަވަމުން (މާރޗް 2026) ގައި ބުންޏެވެ.
މިލެއިގެ ސަރުކާރުން އިޒްރޭލުގެ ސަހްޔޫނީ ފިކުރަށް ފާޅުގައި ތާއީދުކޮށް، އާޖެންޓީނާގެ އެމްބަސީ ތެލް އަވީވުން ހިފަފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްއަށް ބަދަލުކުރުމުގެ މަސައްކަތް 2026 ގެ ބަހާރު މޫސުމަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އިޒްރޭލާއެކު ސަލާމަތީ އަދި ޓެކްނޮލޮޖީގެ އިއްތިޙާދެއް ކަމަށްވާ "އައިޒަކް އެކޯޑްސް" (އިބްރާހީމީ މުއާހަދާ އެއްގޮތަށް އެކުލަވާލާ އިސްހާގް މުއާހަދާ) އެކުލަވާލައި، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމާ ދެކޮޅަށް އދ. ގައި ވަނީ ވޯޓުދީފައެވެ.
މިފަދަ ހައްދުފަހަނައެޅި ޒަޔަނިސްޓް ސިޔާސަތުތަކާއެކު، އިސްލާމްދީނާ ދެކޮޅު އިސްލާމޯފޯބިކް ރޫޙެއް އެ ޤައުމުގެ ދައުލަތުގެ ނިންމުންތަކުން ފެންނަމުންދާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތުހުމަތުކުރެއެވެ. ޣައްޒާގައި ހިނގަމުންދާ ޔަހޫދީ ޖެނޮސައިޑް ލޭއޮހޮރުވުންތަކަށް މިލެއި ފާޅުގައި ތާއީދުކުރައްވާއިރު، އިސްލާމީ އެކި ޖަމާޢަތްތަކަކީ "ޓެރަރިސްޓް" ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅައި، އަރަބި އަދި މުސްލިމް ދުނިޔެއާ އޮންނަ ގުޅުންތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރުވާފައެވެ.
އާޖެންޓީނާގެ ތާރީޚީ "ދޮންކުރުމުގެ" ސިޔާސަތުން ފެށިގެން، މިއަދުގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ބައިނަލްއަޤުވާމީ ސިޔާސަތުތަކުން ދައްކުވައިދެނީ އެއް ޙަޤީޤަތެކެވެ. އެއީ، ބޭރުފުށުން ފެންނަ ރީތި ކުޅިވަރުގެ ފަހަތުގައި، ނަސްލީ ތަފާތުކުރުމާއި ސިޔާސީ ހަރުކަށިކަމުގެ ބޮޑު ފޮޅުމެއް އެ ޤައުމުގައި ފޮރުވިފައިވާ ކަމެވެ.






