ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު ލަމީން ޔަމާލްގެ އުފަން އަވަށާއި މެޑްރިޑްގައި ބޮޑު އުފާފާޅުކުރުމެއް

ހޯމަ ދުވަހު ކުޅުނު ވޯލްޑް ކަޕް ފައިނަލްގައި 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ސްޕެއިން ޗެމްޕިއަންކަން ހޯދުމާއެކު، އެ ގައުމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބޮޑުވި އަވަށުގެ މަގުތަކަށް މީހުން އެއްވެ، ދިދަ ހޫރައި ބޮޑު އުފާފާޅުކުރުމެއް ބާއްވައިފިއެވެ.

އުމުރުން 19 އަހަރުގެ ލަމީން ފުޓްބޯޅަ ކުޅެން ދަސްކުރީ ބާސެލޯނާގެ އުތުރުން 30 ކިލޯމީޓަރު ދުރުގައި އޮންނަ، އެކި ނަސްލުތަކުގެ މީހުން ދިރިއުޅޭ މަސައްކަތްތެރިންގެ އަވަށެއް ކަމަށްވާ ރޮކަފޮންޑާގެ މަގުތަކުގައެވެ.

ސްޕެއިން އަދި ބާސެލޯނާއަށް ކުޅޭ ލަމީންގެ މާމައާއި ބައެއް ތިމާގެ މީހުން އަދިވެސް ދިރިއުޅެނީ އެ އަވަށުގައެވެ. އޭނާ ކުޑައިރު ފުޓްބޯޅަ ކުޅުނު ދަނޑުގައި، ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން މިހާރު ވަނީ ލަމީންގެ ބޮޑު ކުރެހުމެއް ކުރަހާފައެވެ.

ސްޕެއިންއަށް އުފަން ލަމީންގެ ބައްޕައަކީ މޮރޮކޯ މީހެކެވެ. އަދި މަންމައަކީ އިކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާ ދުވަހަކުވެސް އޭނާގެ އަސްލެއް ހަނދާނެއް ނައްތައެއް ނުލައެވެ. ކޮންމެ ލަނޑަކަށްފަހު އޭނާ އަތުން ދައްކާ "304″ ސިގްނަލަކީ އެ އަވަށުގެ ޕޯސްޓަލް ކޯޑަށް ނިސްބަތްކޮށް ދައްކާ ނިޝާނެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ރޮކަފޮންޑާ ޖަހާފައިވާ ބޮލުގައި އަޅާ ފަށެއް ބޭނުންކޮށް، އޭނާގެ ބޫޓުގައި މައިންބަފައިންގެ ގައުމުތަކުގެ ދިދަ ޖަހާފައެވެ.

މި މޮޅާއެކު ވެރިރަށް މެޑްރިޑްގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެ "ޗެމްޕިއަންސް" ގެ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑުންނެވެ. ނިއުޔޯކްގައި ކުޅެވުނު މި ފޯރިގަދަ މެޗު ނިމުނު ސިގްނަލާއެކު މުޅި ސްޕެއިންގެ އެކި ސިޓީތަކަށް އުފާވެރިކަން ލައިގަތެވެ.

"އަހަރެމެންނަކީ ދުނިޔޭގެ ޗެމްޕިއަނުން!! އަހަރެމެންގެ ގައުމީ ޓީމު ސާބަސް! ޝުކުރިއްޔާ ޓީމު!" ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ސޯޝަލް މީޑިއާ އެކްސްގައި ލިޔުއްވާފައިވެއެވެ.

ބާސެލޯނާގެ ގޮނޑުދޮށްތަކުގައި ހަވާ އަރުވައި، މީހުން ދަނީ އުފާފާޅުކުރަމުންނެވެ. ނަމަވެސް ބިލްބާއޯ ސިޓީގައި ބޮޑު ސްކްރީނުން މެޗު ދައްކަމުންދަނިކޮށް ހަމަނުޖެހުން ހިންގަން އުޅުނު ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!