ބުރުކީނާ ފާސޯގެ އިންގިލާބީ ރައީސް ކެޕްޓަން އިބްރާހީމް ތުރާވަރީ، އިސްރާއީލުން އެގައުމަށް ކަނޑައެޅި އާ ސަފީރު ސިމޮން ސެރޫސީގެ ފަތްކޮޅު ގަބޫލުކޮށް އިޒްރޭލާއެކު ސިއްރު ވާހަކަތައް ބާއްވާފިއެވެ.
ތުރާވަރީގެ ސަރުކާރުން ވަނީ މުސްލިމުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެ "ހައްދުފަހަނައަޅާފައިވާ އިސްލާމީ ފިކުރާ" ދެކޮޅަށް ހަނގުރާމަ ފަށާފައެވެ.
މިއާއެކު، ސާހިލް ސަރަހައްދުގައި ނުފޫޒު ގާއިމުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތާއި، އިޒްރޭލުގެ ރައްކާތެރިކަން ހޯދުމަށް ބުރުކީނާ ފާސޯއަށް ބޭނުންވާ ސެކިއުރިޓީ އެހީތެރިކަމުގެ މަގުތައް މިވަނީ މި ސިއްރު މަޝްވަރާ ތަކުގައި އެކުވެގެން ގޮސްފައެވެ.
ދުރާލައި ރޭވިފައިވާ ސަފީރުކަމުގެ އައްޔަންކުރުމެއް
އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ބުރުކިނާފާސޯއަށް ސިމޮން ސެރޫސީ ކަނޑައަޅާފައިވަނީ ހުޅަނގު އަފްރިކާގެ ހަތަރު ގައުމެއްގެ ސަފީރުގެ ގޮތުގައެވެ. އެއީ ކޯޓްޑިވުއާރ (އައިވަރީ ކޯސްޓް)، ބުރުކީނާ ފާސޯ، ބެނިން އަދި ޓޯގޯއެވެ. ސެރޫސީ ހުންނާނީ އައިވަރީ ކޯސްޓުގެ އަބިޖާންގައި ހުންނަ އިސްރާއީލު އެމްބަސީގައެވެ.
2018 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ސެރޫސީއަކީ އަސްކަރީ، ދަނޑުވެރިކަމުގެ އަދި އިގްތިސާދީ ދާއިރާގެ އިތުރުން އފްރިކާގެ ހަނގުރާމަތައް ދިރާސާކުރުމުގެ ތަޖުރިބާއެއް ހުރި މީހެކެވެ. މި ތަޖުރިބާގެ ސަބަބުން، އިސްރާއީލުން އަފްރިކާގައި ގެންގުޅޭ ދަނޑުވެރިކަމާއި، ފެނާއި، ސެކިއުރިޓީ އަދި ޓެކްނޮލޮޖީގެ ގުޅުން ބަދަހިކުރުމުގެ ސިޔާސަތަށް އޭނާ އަކީ މުނާސިބު މީހެކެވެ.
ނާޒުކު ދަނޑިވަޅެއްގައި އެޅި ފިޔަވަޅެއް
އިސްރާއީލު ސަފީރުގެ ފަތް ގަބޫލު ކުރި ދަނޑިވަޅުގައި ތުރާވަރީގެ ސަރުކާރުން ވަނީ އިސްލާމީ މުއައްސަސާތަކަށް އަމާޒުކޮށް ހިންގާ ފިޔަވަޅު އެޅުން ވަރުގަދަ ކޮށްފައެވެ. ތުރާވަރީ ވަނީ އިސްލާމީ ފިކުރަކީ "ހައްދުފަހަނައަޅާފައިވާ އިސްލާމީ ފިކުރު" ކަމަށާ ސިފަކޮށް އެކަމަށް އެގައުމުން ޖާގައެއް ނެތްކަމަށް ވިދާޅުވެ، ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭ ދީނީ އިލްމުވެރިންނާ ދެކޮޅަށް "ހަނގުރާމަ ފެށިއްޖެ" ކަމަށް އިއުލާނުކުރައްވާފައެވެ.
އޭގެ އިތުރުން އިޒްރޭލު ރުއްސުން ސަރުކާރުން ވަނީ:
ދައުލަތުގެ ލާދީނީ ސިފަ ވަރުގަދަކޮށް، ދީނީ ހަރަކާތްތަކަށް ފައިސާ ލިބޭ ގޮތް މޮނިޓަރުކުރުން.
ދީނީ އިލްމުވެރިން ހައްޔަރުކޮށް، ވާގަޑޫގޫގެ އެންމެ ބޮޑު ސުންނީ މިސްކިތް ބަންދުކުރުން.
އަރަބި ގައުމުތަކުގައި ޝަރީއާ ކިޔަވާ 800,000 އެއްހާ ދަރިވަރުން އަނބުރާ ގައުމަށް ގެނައުމުގެ މަޝްރޫއެއް ފެށުން.
ސެކިއުރިޓީ ނާކާމިޔާބީއާއި ބޭރުގެ އެހީތެރިކަން
ބުރުކީނާ ފާސޯގެ ސެކިއުރިޓީ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އައިއެސް އަދި އަލްގާއިދާއާ ގުޅުންހުރި ޖަމާއަތްތަކުން ވަނީ އެގައުމުގެ ބޮޑެތި ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދާފައެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ތުރާވަރީ ވަނީ ފްރާންސާއެކު އޮތް އަސްކަރީ ގުޅުން ކަނޑާލައްވައި، ރަޝިޔާއާ ގުޅުން ބަދަހިކުރައްވާފައެވެ. ނަމަވެސް، ހަނގުރާމަވެރިންގެ ނުރައްކާ ކުޑަނުވުމުގެ ސަބަބުން، އިތުރު ބައިވެރިން ހޯދުމަކީ ތުރާވަރީއަށް މަޖުބޫރުވެފައިވާ ކަމެކެވެ.
"އިސްރާއީލަށް އފްރިކާގެ ގައުމުތަކާއެކު އޮންނަ ގުޅުމުގެ އެންމެ މުހިންމު ބަހާއަކީ ސެކިއުރިޓީއާއި އަސްކަރީ އެހީތެރިކަން. އެގޮތުން އަސްކަރީ ތަމްރީނުތަކާއި، އަސްކަރީ އާލާތްތައް އަދި އިންޓެލިޖެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުން ހިމެނޭ،" އިސްރާއީލުގެ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް ބުރުކިނާ ފާސޯއަށް ދޭ އެހީ އާމެދު ފާހަގަކުރެއެވެ.
އިސްރާއީލުގެ މަގުސަދު
އިސްރާއީލާއި ބުރުކީނާ ފާސޯއާ ދެމެދު ރަސްމީ އަސްކަރީ އެއްބަސްވުމެއް އޮތްކަން ހާމަކޮށްފައި ނުވި ނަމަވެސް، އިސްރާއީލުން ބޭނުންވަނީ ސާހިލް ސަރަހައްދުގައި ރަޝިޔާ، ތުރުކީ އަދި އީރާނުގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، އެ ސަރަހައްދުން ޖާގައެއް ހޯދައި އެ ގައުމުތައް އެ ސަރަހައްދުން ބޭރުކޮށްލާށެވެ.
ސަފީރު ސިމޮން ސެރޫސީ އާ ސިއްރުން ބައްދަލު ކުރުމަކީ ދެގައުމުގެ ގުޅުން އާންމުކޮށް، ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމުގެ ފެށުމެކެވެ. ފްރާންސާއި ރަޝިޔާގެ އެހީތެރިކަމުން އެދެވޭ ނަތީޖާއެއް ނުނުކުމެ، ތުރާވަރީއަށް ސެކިއުރިޓީ ޓެކްނޮލޮޖީ ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އިސްރާއީލަށް މިވަނީ ސާހިލް ސަރަހައްދަށް ވަންނާނެ އާ ދޮރެއް ހުޅުވައި ދީފައެވެ.







