އެފްރިކާގެ ސަހަރާގެ މެދުގައި އޮތް ޓިމްބަކްޓޫ ސިޓީ މިއަދު އޮތީ ސަލާމަތީ އަދި އިގްތިސާދީ ކާރިސާތަކުގެ ބާރުގަދަ ވައިރޯޅިތަކުގެ ކުރިމަތީގައި އެކަނިވެރިވެފައެވެ. ދުވަހަކަށްވުރެ ދުވަހެއް މި ހާލަތު ގޯސްވަމުން ދިޔުމުގެ ސަބަބުން، އެ ސިޓީގެ ރައްޔިތުންގެ ގައުމާއި އެތަނުގެ ދިގު ތާރީހީ އިންސާނީ ތަރިކަ ރައްކާތެރިކުރުމުގެ ގާބިލުކަން ދަނީ ފެންނަމުންނެވެ.
މާލީގެ އުތުރުގައި އޮންނަ މި ސިޓީއަކީ ސަހަރާގެ އެކި ފަރާތްތައް ގުޅުވައިދޭ މައިގަނޑު ނާރެހެވެ. މިއީ ރަން، ލޮނު، އަދި ގަލަމުގެ ވާހަކަތަކާއި، ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ފިޔަވަޅުތަކުގެ މައްޗަށް ބިނާވެފައިވާ އިލްމާއި، ސަގާފަތާއި، ފަންނުގެ މުއްސަނދި އިސްލާމީ ތާރީހެއް އޮތް ތަނެކެވެ.
އެހެންނަމަވެސް، އެފްރިކާގެ ސަހަރާގެ މެދުގައި އެތައް އަހަރެއް ވަންދެން އިލްމީ އަދި ދީނީ ދަންމަރެއްގެ ގޮތުގައި ވިދަމުން އައި މި ސިޓީ މިއަދު ފެންނަނީ ފަޅު ތަނެއްގެ ގޮތުގައެވެ. ސީދީ ޔަހްޔާ މިސްކިތުގެ ސްކޫލުގެ ޑިރެކްޓަރު އަލް ފާދީ ވަންގާރާ ވިދާޅުވާ ގޮތުގައި، ބިރުވެރިކަމާއި ފަގީރުކަމުން މި ސިޓީ ވަނީ ވަށާލެވިފައެވެ. ސިޓީގެ ގިނަ ރައްޔިތުން މިހާރު ވަނީ ރަށް ދޫކޮށް ފުރައިގެން ގޮސްފައެވެ. މިހާރު އެތަނުގައި ބާކީ ތިބީ ފުރައިގެން ދެވޭނެ ގާބިލުކަން ނެތް މީހުން އެކަންޏެވެ.
އިސްލާމީ ހަޟާރާއެއް އަރާތުވި ޓިމްބަކްޓޫގައި ހަތިޔާރު އެޅި ޖަމާއަތްތަކުން 15 އަހަރު ކުރިން ބާރު ފޯރުވި ހިސާބުން ފެށިގެން މި ސިޓީއަށް ކުރިމަތިވި ކާރިސާތަކުގެ ސަބަބުން، ސިޓީގެ ގިނަ ރައްޔިތުން ވަނީ ފުރައިގެން ގޮސްފައެވެ. ފަހުން މި ޖަމާއަތްތައް ސިޓީން ނުކުތް ނަމަވެސް، ސަލާމަތީ، އިގްތިސާދީ، އަދި މޫސުމީ ބިރުތަކުގެ ސަބަބުން ރައްޔިތުން ބޭރުވުން ވަނީ އިތުރުވެފައެވެ. މި ހާލަތުގެ ސަބަބުން އެތަނުގެ ލައިބްރަރީތައް ބަލަހައްޓާ ފަރާތްތަކަށް ޖެހުނީ އެތަނުގައި ހުރި މުހިންމު ލިޔުންތައް ވެރިރަށް ބަމާކޯއަށް ބަދަލުކުރާށެވެ. އޭގެ ތެރެއިން ބައެއް ލިޔުންތައް ފަހުން އަލުން ގެނައި ނަމަވެސް، ކުރިން ސިޓީގެ އިގްތިސާދު ވަރުގަދަކޮށްދިން ފަތުރުވެރިން މިއަދު ނެތުމުން، ގިނަ ގެސްޓްހައުސްތަކާއި ފިހާރަތައް ވަނީ ބަންދުކޮށްފައެވެ.

ޓިމްބަކްޓޫއަކީ އިހުގެ މާލީ އެމްޕަޔަރުގެ ދުވަސްވަރު އިލްމާއި، ސަގާފަތާއި، އަދި ވިޔަފާރީގެ އެންމެ ބޮޑު މަރުކަޒެވެ. ސަހަރާގެ މަގުން ދަތުރުކުރި ވިޔަފާރިވެރިންގެ މައިގަނޑު ހަބަކަށް މިރަށް ވެގެންދިޔައީ ރަނާއި، ލޮނާއި، އަދި އަގުބޮޑު ފޮތްތަކުގެ ވިޔަފާރީގެ ސަބަބުންނެވެ. އެތަނުގައި ހުރި ސަންކޯރޭ ޔުނިވަރސިޓީ ފަދަ އިލްމީ މަރުކަޒުތަކުގެ ސަބަބުން މުޅި އިސްލާމީ ދުނިޔެއިން ދަރިވަރުންނާއި އާލިމުން ޓިމްބަކްޓޫއަށް ޖަމާވިއެވެ.
މަންސާ މޫސާއަކީ މާލީ އެމްޕަޔަރުގެ އެންމެ ނުފޫޒުގަދަ އަދި ތާރީޚުދުށް އެންމެ މުއްސަނދި ރަސްގެފާނެވެ. އެއީ ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނެވެ. އޭނާ މައްކާއަށް ކުރެއްވި މަޝްހޫރު ހައްޖު ދަތުރުފުޅުގައި ބޭނުންކުރެއްވި ބޮޑު ރަން ޚަޒާނާގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން މާލީއަށް ހުއްޓުނެވެ. މި ދަތުރުފުޅަށްފަހު އޭނާ ޓިމްބަކްޓޫ އިތުރަށް ތަރައްގީކުރައްވައި، ބޮޑެތި މިސްކިތްތަކާއި މަދަރުސާތައް ބިނާކުރައްވައި، އެރަށަކީ ދުނިޔޭގެ ފެންވަރުގެ އިލްމީ އަދި އިގްތިސާދީ މައިދާނަކަށް ހެއްދެވިއެވެ.
އިލްމީ އަދި ސަގާފީ މުއްސަނދިކަން
ސިޓީގެ ތެރޭގައި އެތައް ޖީލެއްގެ ސަގާފީ ގުޅުންތަކާއި، ބަސްތަކާއި ނަސްލުތަކުގެ އެއްވުންތަކުގެ ސަބަބުން ޓިމްބަކްޓޫގެ އިލްމީ މަގާމު ވަނީ ބިންވަޅު ނެގިފައެވެ. ލައިބްރަރީތަކުގައި ރައްކާކުރެވިފައިވާ މުހިންމު ލިޔުންތަކަކީ މި ސިޓީއަށް އައިސްފައިވާ ޒަމާންވީ އިސްލާމީ އިލްމީ ކުރިއެރުމުގެ ހެކިތަކެވެ. ބައެއް ފަރާތްތަކުން ވަނީ މި ލިޔުންތައް ސަލާމަތް ކުރުމަށްޓަކައި އެމީހުންގެ ފުރާނަވެސް ގުރުބާންކޮށްފައެވެ.
ސިޓީގެ އެންމެ މުހިންމު އެއް ބިނާއަކީ އަހްމަދު ބާބާ އަލް-ޓިމްބަކްތީ އިންސްޓިޓިއުޓެވެ. މިއީ ހަތަރު ގަރުނަށްވުރެ ގިނަ ދުވަސްކުރިން ސިޓީގައި އުޅުނު އިލްމީ ބޭފުޅެއްގެ ނަމުން ނަން ދީފައިވާ ތަނެކެވެ. ހަތިޔާރު އެޅި ޖަމާއަތްތަކުން 2013 ވަނަ އަހަރު ސިޓީއަށް ވަދެ، މި ލިޔުންތައް އަންދާލަން މަސައްކަތްކުރި ވަގުތު، ޒުވާނުންތަކެއް ވަނީ 780 ލިޔުން ފޮށިތަކަށް އަޅައިގެން ވެރިރަށް ބަމާކޯއަށް ގެންގޮސް ސަލާމަތްކޮށްފައެވެ.
އިންސްޓިޓިއުޓްގެ މެނޭޖަރު އަބޫ ބަކަރު މިގާ ވިދާޅުވާ ގޮތުގައި، ހަތިޔާރު އެޅި ޖަމާއަތްތަކުން ފާއިތުވި މަސްތަކުގައި އުތުރުގެ ގިނަ ސިޓީތަކެއްގެ ބާރު އަލުން ހޯދަމުން ދާތީ، ކުރިން ލިބުނު ގެއްލުންތައް ތަކުރާރުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. މި ސަލާމަތީ އަދި ދިރިއުޅުމުގެ ކާރިސާތަކުގެ ސަބަބުން، ސިޓީގެ ތަރިކައާއި އާސާރުތައް ހިމާޔަތްކުރުމުގެ ގާބިލުކަން ދަނީ ކުޑަވަމުންނެވެ. މިއީ މުޅި އިންސާނިއްޔަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެ ކަމުގެ އިންޒާރެކެވެ.







