އިސްރާއީލުގެ ސިފައިންނާއި ޝިން ބެތް އިންޓެލިޖެންސްއާއި، މޮސާޑް، ފުލުހުން އަދި ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ އިސް އޮފިސަރުންނާއި އޮފިޝަލުން ހިމެނޭ "ކޮމާންޑާސް ފޯ އިޒްރޭލްސް ސެކިއުރިޓީ" ނަމަކަށް ކިޔާ ޖަމާއަތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެހީއަށް އެދެފިއެވެ. މި އިންޒާރު ދީފައިވަނީ ޓްރަމްޕާއި ބެންޖަމިން ނަތަންޔާހޫއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސައްލާގެ ކުރިންނެވެ.
އެ އޮފިސަރުން ވަނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިކޮށްދެއްވުމަށް އެމެރިކާގެ ރައީސަށް ގޮވާލައްވައިފަ އެވެ. އެމީހުން އިންޒާރުދެނީ، ހާލަތު އިތުރަށް ގޯސްވެ "ބޮޑު ކާރިސާއަކާއި ސަލާމަތީ ގޮތުން ނުރައްކާތެރި ހަލަބޮލިކަމެއް" އުފެދިދާނެ ކަމަށެވެ. މިއީ ސަރަހައްދުގެ ސަލާމަތާއި، އެމެރިކާގެ މަސްލަހަތަށާއި، އަދި ސަރަހައްދީ އެއްބަސްވުންތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އެމީހުން ފާހަގަކުރެ އެވެ.
ވަޒަންވެރިންގެ ހަމަލާތަކާއި ފަލަސްތީނުގެ ވެރިކަމަށް ލިބޭ ގެއްލުންތަކާމެދު އިންޒާރު
ސޮއިކުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކާއި "ޕޭމަންޓް"ގެ ނަމުގައި ހިންގާ ޖަރީމާތައް އިތުރުވަމުންދިއުމާއި، ފަލަސްތީނުގެ އޮތޯރިޓީ، މާލީ އަދި ސިޔާސީ ގޮތުން ބަލިކަށިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކާތެރި ހާލަތެއް އުފެދިއްޖެ އެވެ.
އެ އޮފިސަރުން ބުނާ ގޮތުގައި މި ސިޔާސަތުތައް ދެމިއޮވެއްޖެނަމަ، ހާލަތު މުޅިން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ އެވެ. އަދި މި ހަމަނުޖެހުންތަކުގެ ނަތީޖާ، އޮކްޓޯބަރު 7 ގެ ހާދިސާތަކަށް ވުރެ ވެސް ހަލާކު ބޮޑުވެދާނެ ކަމަށް އެބޭފުޅުން އިންޒާރުދެ އެވެ. އަދި ހުޅަނގު އައްސޭރީގައި ހަރުކަށި ވަޒަންވެރިން ހިންގާ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރުކާރުން ސަލާމަތީ އިދާރާތަކަށް ހުރަސްއަޅަމުންދާކަން ބުނެ އެ ސިޓީގައި ކުށްވެރިކޮށްފައިވެ އެވެ.
މައިދާނީ ހަމަލާތަކާއި މިސްކިތެއް އަންދާލުން
މި ހަރަކާތްތައް މި ފެށުނީ، ފާއިތުވި ހަފުތާގައި ހުޅަނގު އައްސޭރީގައި ކުރިމަތިވި ހަމަނުޖެހުންތަކަށް ފަހު އެވެ. އެ ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިންގެ ރިޒާވް އޮފިސަރަކާއި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން ވަޒަންވެރިން ވަނީ އެކި ސަރަހައްދުތަކުގައި ހަމަލާތައް ދީފަ އެވެ. އޭގެ ތެރޭގައި ޠޫލްކަރްމުގެ ދެކުނުން އޮންނަ 'ކޫރު' އަވަށުގެ މިސްކިތެއްގައި ހުޅުޖެހުމާއި، މިސްކިތުގެ ފާރުތަކުގައި އިސްލާމޯފޯބިއާގެ ލިޔުންތައް ލިޔުން ހިމެނެ އެވެ.
ސަރުކާރުގެ ފިޔަވަޅުތައް
މިކަމާ ގުޅިގެން އިސްރާއީލު ސަރުކާރުގެ ބައްދަލުވުމެއްގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބަޑިޖެހުމުގެ އުސޫލުތައް ފަސޭހަ ކުރުމަށް ބައެއް ވަޒީރުން ވަނީ ގޮވާލާފަ އެވެ. ނަތަންޔާހޫ ވަނީ ފަލަސްތީނުގެ އަވަށްތަކަށް ވަދެ ހަތިޔާރު ހޯދުމާއި، މީހުން ހައްޔަރުކުރުމުގެ އަމުރުތައް ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ބުނީ ޖެނީން އާއި ޠޫލްކަރްމު އަދި ނޫރު ޝަމްސް ފަދަ ރެފިއުޖީ ކޭމްޕްތަކުގައި އަސްކަރީ އޮޕަރޭޝަންތައް ވަރަށް ވަރުގަދަކޮށް އެތަންތަނުން މީހުން ފައްސާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.







