ޑްރޯންތައް ހުއްޓުވަން ބޭނުންކުރާ އާ ޑްރޯނެއް

ހަނގުރާމައިގެ މައިދާންތަކުގައި ދުޝްމަނުންގެ ޑްރޯންތަކުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ލޮކްހީޑް މާޓިން ކުންފުނިން ވަނީ "މޯފިއަސް އެކްސް-ރޯޓާ" ގެ ނަމުގައި އާ ޑްރޯން ސިސްޓަމެއް ތައާރަފުކޮށްފައެވެ.

ލަންޑަންގެ ފާންބަރޯ އެއާ ޝޯގައި ދައްކާލި މި ޑްރޯނަކީ، ޚަރަދު ކުޑަ އަދި ވަރަށް ފައިދާހުރި ގޮތަކަށް ދުޝްމަނުންގެ ޑްރޯންތައް ނައްތާލުމަށް ފަރުމާކޮށްފައިވާ އާލާތެކެވެ.

މި ސިސްޓަމްގެ އެންމެ ހާއްސަ ސިފައަކީ، "ހައި-ޕަވާ މައިކްރޯވޭވް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުޝްމަނުންގެ ޑްރޯންތައް ވައްޓާލުމުގެ ގާބިލުކަމެވެ. ބިންމަތިން ލޯންޗުކުރާ މި ޑްރޯނަށް، އެންމެ ދަތުރެއްގައި 50 އަށް ވުރެ ގިނަ ޑްރޯން ހަރަކާތްތެރި ނުކުރެވޭ ގޮތަށް އައްސި ކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ. ލޮކްހީޑް މާޓިން އިން ބުނާ ގޮތުގައި، މި ޑްރޯންގެ ޑިޒައިނަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށްފަހު އަލުން ހޯދައި، އަލުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

މި ޑްރޯން މަސައްކަތްކުރަނީ ވަކި ހާއްސަ ރާޑަރުތަކަކަށް ނުވަތަ ކޮންޓްރޯލް ސިސްޓަމްތަކަކަށް ބަރޯސާވެގެން ނޫނެވެ. މީގެ ބަދަލުގައި، ކޮންމެ ކަހަލަ ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމަކާ ވެސް ގުޅިގެން މިއަށް މަސައްކަތް ކުރެވޭނެއެވެ. ލޮކްހީޑް މާޓިންގެ އިސްވެރިއަކު ވިދާޅުވީ، މޯފިއަސް ސިސްޓަމަކީ ޑްރޯން ދިފާއުކުރުމުގެ ދާއިރާގައި އާ މިންގަނޑުތަކެއް ކަނޑައަޅާނެ ސިސްޓަމެއް ކަމަށާއި، މިއީ ހައި-ޕަވާ މައިކްރޯވޭވްގެ ލުއި އަދި އަލުން ބޭނުންކުރެވޭ ފަދަ އެންމެ ފައިދާހުރި އަދި އަގުހެޔޮ ހައްލު ކަމަށެވެ.

މި ޓެކްނޮލޮޖީއަށް ބޭނުން ޖެހިފައިވަނީ، މިހާރު ޑްރޯންތަކާ ދެކޮޅަށް ބޭނުންކުރާ މިސައިލްތަކަކީ ވަރަށް އަގުބޮޑު އެއްޗެއްސަށް ވެފައިވާތީއެވެ.

އެމެރިކާގެ ބަޑި ގުދަން ހުސްވަމުންދާތީ ދުޝްމަނުންގެ އަގުހެޔޮ ޑްރޯންތަކާ ދެކޮޅަށް އަގުބޮޑު މިސައިލްތައް ބޭނުންކުރުމުގެ ބަދަލުގައި، މިފަދަ ހަރަދު ކުޑަ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަން ޓްރަމްޕް ވަނީ ބާރު އަޅާފައެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި މިހާރުވެސް މި ޑްރޯންގެ ޓެސްޓުތައް ކުރިއަށް ގެންދާއިރު، ކުރިއަށް އޮތް ތަނުގައި މި ޑްރޯން ސިސްޓަމްތައް ހަނގުރާމައިގެ ކުރީ ސަފުގައި ތިބި ސިފައިންނާ ހަމައަށް ގެންދިއުމަށް އެ ކުންފުނިން ދަނީ ބާރު އަޅަމުންނެވެ.

ހިއްސާ ކުރައްވާ!