އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު (ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް) ވޯލްކާ ޓާކްގެ ދައުރު އިތުރުކުރުމާ ގުޅިގެން، އެމެރިކާއާއި ފަރަންސޭސިވިލާތާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގައި، ސިޔާސީ ނުތަނަވަސްކަން އުފެދިއްޖެއެވެ.
މި މައްސަލަ ހޫނުވީ މިދިޔަ ހުކުރު ދުވަހު އދ. ގެ އާންމު މަޖިލީހުން ޓާކްގެ ދައުރު އިތުރުކުރަން ވޯޓު ދިނުމުންނެވެ. މި ވޯޓުގައި އިޒްރޭލާއެކު އެމެރިކާއިން ވަނީ ޓާކްއާ ދެކޮޅަށް ވޯޓު ދީފައެވެ. ނަމަވެސް 144 ގައުމުގެ އަޣުލަބިއްޔަތުން ވަނީ ޓާކްގެ ދައުރު އިތުރުކޮށްފައެވެ.
ޒުވާބު ފެށުނު ގޮތް:
މި ކަމާ ގުޅިގެން ފަރަންސޭސިވިލާތުން ވަނީ އެމެރިކާއަށް ފާޑުކިޔައި، އެމެރިކާގެ އަމަލުތައް އުތުރު ކޮރެއާއާއި ރަޝިއާގެ އަމަލުތަކާ އެއްފަދަ ކަމަށް ސިފަކޮށްފައެވެ.
މީގެ ރައްދުގައި އދ. ގައި ހުންނަވާ، ޔަހޫދީ ޖެނޮސައިޑަށް ފަންޑުކޮށް ހަތިޔާރުދޭ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވީ، ޓާކްއަކީ އެމެރިކާއާއި އިޒްރޭލް ފަދަ "ޑިމޮކްރެޓިކް ގައުމުތަކަށް" ފާޑުކިޔަމުން، ދުނިޔޭގެ އެންމެ އަނިޔާވެރި ވެރިކަންތަކާ ގާތްކަން ބާއްވާ ބޭފުޅެއް ކަމަށެވެ.
އދ. ގެ ބައްދަލުވުމުގައި ހިނގި ކަންތައް:
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ޔޫކްރެއިންއާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައި، ފަރަންސޭސި މަންދޫބު ވާހަކަ ދައްކަވަން ފެއްޓެވުމާއެކު އެމެރިކާގެ ވަފުދުން ވަނީ އެތަނުން ނުކުމެފައެވެ.
އެމެރިކާގެ ވަފުދުން ބުނެފައިވަނީ، ފަރަންސޭސިވިލާތުން "އެމެރިކާގެ އަގު ވެއްޓޭ ފަދަ ވާހަކަތައް" ދައްކާހާ ހިނދަކު، އެމެރިކާގެ ވަފުދު ކޮންމެ ފަހަރަކުވެސް ބައްދަލުވުން ދޫކޮށް ނިކުންނާނެ ކަމަށެވެ. އަދި ފަރަންސޭސިވިލާތުގެ މި ވާހަކަތަކަކީ "ސިޔާސީ ގޮތުން ހަޑިމުޑުދާރު ވާހަކަތަކެއް" ކަމަށް އެމެރިކާއިން ސިފަކޮށްފައިވެއެވެ.
މައްސަލައިގެ ފަސްމަންޒަރު:
ޓާކްއަކީ ރަޝިއާއިން ޔޫކްރެއިންއަށް ދޭ ހަމަލާތަކާއި، ޣައްޒާގައި އިޒްރޭލުން ހިންގާ ޖެނޮސައިޑް ކޮށްވެރިކޮށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. މީގެ އިތުރުން އެމެރިކާގައި ނަސްލީ ތަފާތުކޮށް ހިޖުރަވެރިން ބަންދުކުރާ މަރުކަޒުތަކުގައި ހިނގާފައިވާ ގޮތް ނޭގޭ މަރުތަކާ ގުޅޭގޮތުން ތަހުގީގު ކުރަންވެސް އޭނާ ވަނީ ގޮވާލާއްވާ ފައެވެ.
މި މައްސަލައަކީ ނަސްލީ ތަފާތުކުރުން ބޮޑު ރައީސް ޓްރަމްޕްގެ ސަރުކާރާއި އދ. އާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.
އެމެރިކާއިން ދަނީ އދ. ގެ އެކި އޭޖެންސީތަކަށް ދޭ ފައިސާ ކަނޑާލާނެ ކަމުގެ ބިރު ދައްކައި، ދުނިޔޭގެ ޖަމިއްޔާގެ ބައެއް ގުނަންތަކުން ވަކިވަމުންނެވެ. އދ. އިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް، އދ. ގެ ގަވާއިދުތަކަށް ހުރިހާ ގައުމަކުންވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.






