ބީއެމްއެލްގެ އިދާރީ އޮނިގަނޑާއި އެގްޒެކްޓިވް ޓީމަށް ބަދަލުތަކެއް ގެނެސްފި

ބޭންކުގެ ޒިންމާދާރުކަން އިތުރުކޮށް، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ހަލުވިކޮށް، އަދި ލީޑަޝިޕްގެ ހުނަރު އިތުރަށް ތަރައްޤީކުރުމުގެ މަޤުޞަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ޓީމަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު އިޢުލާނުކުރި މި ބަދަލުތަކުގެ ދަށުން، ސީނިއާ މެނޭޖްމަންޓްގެ ހަތަރު ބޭފުޅަކު ކުރިއަށް އޮތް 6 މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަޤާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:

  • އައިޝަތު ޒަމްރާ ޒާހިރު: ޗީފް ކޮމާޝަލް އޮފިސަރު
  • މޫސާ ނިމާލް: ޗީފް މާކެޓިން އޮފިސަރު
  • ރަޝްފާ ޖައުފަރު: ޗީފް ރިސްކް އޮފިސަރު
  • ގެރީ ލޯޓަން: ޗީފް ކްރެޑިޓް އޮފިސަރު

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ މާލީ ހާލަތު މިހާރުވެސް އޮތީ ވަރަށް ހަރުދަނާކޮށް ކަމަށާއި، މި ބަދަލުތަކަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުން ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް،" ޝަރީފް ވިދާޅުވިއެވެ. "ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް." ސީއީއޯ ވިދާޅުވިއެވެ.

މި އިސްނެގުމަކީ ބޭންކުގެ މެނޭޖްމަންޓް ޓީމަށް އޮތް ފުރިހަމަ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށާއި، މިއީ އެންމެހާ ފަންތިތަކުގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަކީ މުއައްސަސާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު ބަދަލުތަކަކަށްވާތީ، ކަސްޓަމަރުންނަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށާއި، ޕްރޮޑަކްޓްތަކަށް އަދި މުއާމަލާތްކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެއެވެ.

ހިއްސާ ކުރައްވާ!