އާމްދަނީގެ ޓެކްސް އެންމެ ގިނައިން ދައްކާ މާލީ އިދާރާއަކަށް ބީއެމްއެލް

ދައުލަތަށް އާމްދަނީގެ ޓެކްސް އެންމެ ގިނައިން ދައްކާ މާލީ އިދާރާއަކަށް އަނެއްކާވެސް ބީއެމްއެލް ވެއްޖެ އެވެ. ރާއްޖޭގެ މާލީ ދާއިރާގައި ދުނިޔޭގެ މަޝްހޫރު އެތައް ބޭންކެއް ހަރަކާތްތެރިވަމުން އައިނަމަވެސް، ދައުލަތަށް އާމްދަނީގެ ޓެކްސް އެންމެ ގިނައިން ދައްކާ ބޭންކުގެ މަޤާމު އަނެއްކާވެސް ބޭންކް އޮފް މޯލްޑިވްސް އިން ދަމަހައްޓައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން ޤަވާއިދުން ޓެކްސް ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުންއަންނަ "ރަންލާރި އެވޯޑު" ޙާޞިލުކުރަމުން، ބީއެމްއެލްއިން ވަނީ ފާއިތުވި އަހަރު ވެސް މާލީ ދާއިރާއިން އެންމެ ބޮޑު އާމްދަނީގެ ޓެކްސް ދެއްކި މުއައްސަސާގެ ޝަރަފު ހޯދާފައެވެ.

11 ނޮވެމްބަރު 1982 ގައި ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ އައިއެފްއައިސީ ބޭންކް ގުޅިގެން އުފެއްދި މި ބޭންކުގެ ހިއްސާ، 1992 ގައި މުޅިން ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ބަދަލުކުރެވުނެވެ. އެއާއެކު، ބޭންކުގެ ފުރިހަމަ ހިންގުން ދިވެހިންގެ އަތްމައްޗަށް އައިސް، ރާއްޖޭގެ މާލީ ނިޒާމުގެ މައިބަދައަށް ބީއެމްއެލް ވެގެންދިޔައެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ އޭޓީއެމް، ޕީއޯއެސް މެޝިން، ކްރެޑިޓް ކާޑު އަދި އިންޓަނެޓް ބޭންކިން ފަދަ ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރި ބީއެމްއެލްއަކީ މިއަދު މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބްރާންޗްތަކާއި އޭޓީއެމް ވިއުގަ ފުޅާކޮށްފައިވާ، އިޤްތިޞާދުގެ އެންމެ މުހިންމު އެއް ތޫނުފިލި ބާރެވެ.

ހިއްސާ ކުރައްވާ!