އިންފެންޓީނޯ ކިބައިން ފީފާ ސަލާމަތް ނުވާނަމަ ޔޫއެފާއިން އަމިއްލަ ވޯލްޑް ކަޕެއް ބާއްވާނެ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖާނީ އިންފަންޓީނޯ މަޤާމުން އިސްތިއުފާ ދިނުމަށް ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ގޮވާލައިފި އެވެ. އަދި އޭނާ އެ މަގާމުން ދުރުކޮށް ފީފާ ސާފު ނުކުރެވޭނަމަ ފީފާގެ ވޯލްޑް ކަޕާ ދެކޮޅަށް ޔުއެފާއިން އިސްނަގައިގެން އަމިއްލަ ބައިނަލްއަޤްވާމީ މުބާރާތެއް ފަށާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ނާޖާއިޒު މުއާމަލާތްތަކާއި ޓްރަމްޕް އާއިލާއަށް ވިޔަފާރިތައް ދިނުމަށް ދީލާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 56 އަހަރުގެ އިންފަންޓީނޯއަށް މިފަދަ ބޮޑެތި ފިއްތުންތަކާ ކުރިމަތިލާންޖެހުނީ، އޭނާގެ ގާތް އިންވެސްޓަރުންނަށް ވޯލްޑް ކަޕް މުބާރާތުގެ ހިއްސާ ވިއްކާލުމަށް އޭނާ ގެންގުޅުއްވި ސިއްރު ރޭވުންތައް ބޭޒާރު ވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޔުއެފާގެ ރައީސް އަލެގްޒެންޑަރ ޝެފަރިން އިސްވެ ހުންނަވައި، އުތުރު އެމެރިކާއާއި އޭޝިއާގެ ފުޓުބޯޅަ އިދާރާތަކާ ގުޅިގެން ވަނީ ބޮޑު ކޯލިޝަނެއް އުފައްދާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އަންނަ މާރިޗު މަހު އޮންނަ ފީފާގެ ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯ އަލުން އިންތިޚާބުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން، ޔުއެފާއާއި ބައިވެރި ޤައުމުތަކުން ވަނީ ފީފާގެ ކޮމިޓީތަކާއި ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނިންމާފަ އެވެ. އަދި އިނގިރޭސިވިލާތާއި، ސްވިޑަން އަދި ސާބިއާ ފަދަ ޤައުމުތަކުން ވެސް ވަނީ އިންފަންޓީނޯއަށް އޮތް ތާޢީދު އަނބުރާ ގެންދިޔަ ކަން ހާމަކޮށްފަ އެވެ.

ފީފާގެ ހިންގުމުގެ ނިޒާމާއި ދެފުށް ފެންނަގޮތަށް ކަންކަން ނުކުރާކަމަށް ބުނެ ޔުއެފާއިން ދަނީ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ. މި ހުރިހާ ކަމަކާ ގުޅިގެން ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ހިއްސާ ކުރައްވާ!