އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ހިންގާ ހަރަކާތްތަކަށް ފީފާއިން ފާޑުކިޔައިފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ހިންގާ ހަރަކާތްތަކަށް ފީފާއިން ފާޑުކިޔައިފ އެވެ.

ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އާއި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަބުރު ކަތިލުމަށާއި، މަގާމުން ވަކިކުރުމަށް ރޭވިގެން ހިންގަމުންދާ މަސައްކަތްތަކަށް ފީފާއިން ފާޑުކިޔައިފިއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އިންފަންޓީނޯއާ ދެކޮޅަށް ފެތުރެމުންދާ ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމުގެ ބޭނުމުގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބޮޑުވެގެން ގޮސްފައިވަނީ އިނގިރޭސިވިލާތުގެ "ޑެއިލީ ޓެލެގްރާފް" ނޫހުން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާ ގޮތުން އިންފަންޓީނޯ ޔޫއެފާ ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރިއިރު، ސިއްރު ގުޅުމެއް ބޭއްވި އަންހެނަކަށް ޔޫއެފާ މެދުވެރިކޮށް ބޮޑު ފައިސާގެ އިނާޔަތެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ފީފާއާއި އިންފަންޓީނޯ ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ.

މީގެ އިތުރުން، ފީފާގެ އާ ވިޔަފާރި މަޝްރޫއެއް ކަމަށްވާ ފީފާ ފޯވާޑް އެންޓަޕްރައިޒް އާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާއާއި ޔޫރަޕްގެ ބައެއް ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައެވެ. ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ލީސް ކްލާވެނެސް ވަނީ އިންފަންޓީނޯ އިސްތިއުފާ ދިނުމަށްވެސް ގޮވާލައްވާފައެވެ.

ނަމަވެސް ފީފާއިން ފާހަގަކުރި ގޮތުގައި އިންފަންޓީނޯއަކީ ފީފާގެ 211 މެމްބަރު ގައުމުގެ ވޯޓަކުން އިންތިޚާބުކޮށްފައިވާ ރައީސެކެވެ. އަދި އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަންތަކުން އަދިވެސް އަންނަނީ އިންފަންޓީނޯއަށް ފުރިހަމައަށް ތާއީދުކުރަމުންނެވެ.

ހިއްސާ ކުރައްވާ!