އިންޑިއާއާއި ބަންގްލަދޭޝްގައި އަލްޤާއިދާގެ ނުފޫޒު ފުޅާވަނީ: އދ. ގެ ރިޕޯޓެއް

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ އައިސިސް އަދި އަލްޤާއިދާ ސެންކްޝަންސް މޮނިޓަރިންގ ޓީމުން ނެރުނު އެންމެ ފަހުގެ ރިޕޯޓެއްގައިވާ ގޮތުން، ދެކުނު އޭޝިއާ ސަރަޙައްދުގައި އަލްޤާއިދާގެ ގޮފި "އަލްޤާއިދާ އިން ދަ އިންޑިއަން ސަބްކޮންޓިނެންޓް" (އޭކިއުއައިއެސް) އިން އަންނަނީ އެޖަމާޢަތުގެ ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، އިންޑިއާއާއި ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ސެލްތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ކުރިން ބައިބައިވެފައި އޮތް މި ޖަމާޢަތް މިހާރު ސަރަޙައްދީ ނުރައްކާތެރި ޓެރަރިސްޓް އޮގަނައިޒޭޝަނަކަށް ބަދަލުވަމުންދާ ކަމަށެވެ.

އދ. ގެ މޮނިޓަރިންގ ޓީމުގެ 38 ވަނަ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭކިއުއައިއެސް އިން މިހާރު ބޮޑެތި ގްރޫޕްތަކުގެ ބަދަލުގައި ހަރަކާތްތެރިވަނީ ވަކިވަކިން ކުދި ސެލްތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން، ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ނިއު ދިއްލީގެ ރެޑް ފޯޓް ސަރަޙައްދުގައި ދިން ނުރައްކާތެރި ކާރު ބޮމުގެ ހަމަލާއަކީ އޭކިއުއައިއެސް އިން ދީފައިވާ ހަމަލާއެއްކަން އދ. އިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އަދި ބަންގްލަދޭޝްގެ މަސްރަޙު އަނބުރާލައި، އެޤައުމުގައި އާ ސެލްތައް ޤާއިމުކުރުމަށް އެޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުންވެސް ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އަލްޤާއިދާއާއި އައިސިސް ފަދަ ޖަމާޢަތްތަކުން ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ގިނަ އަހަރުތަކެއް ވަންދެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން އޮތް ނަމަވެސް، އަލްޤާއިދާގެ އިސް ލީޑަރުން ކާބުލްގައި ޤާއިމުވެ ތިބެ، ސަރަޙައްދީ އެހެން ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކަށް ފަންނީ އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!