އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުގެ އިތުރުން އެމްބަސީގެ އިސް މުވައްޒަފުންނާއި، ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާގެ ގައުމީ ދިދަ ނެގުމަށްފަހު، އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚާއްޞަ ޚިތާބު ވަނީ އިއްވާފައެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ އެންމެހައި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސް މުރުމޫއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިންޑިއާއިން ދިމިޤްރާތީ ހަމަތައް ބަދަހިކުރުމުގައާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ހޯދަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ރައީސް މުއިއްޒު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދީ ޞުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރަމުންދާ އިސްދައުރުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން ކުރެވޭ އިސްތިރާޖީ މަސައްކަތްތައް މުސްތަގުބަލުގައިވެސް ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.






