ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކާމިޔާބު ކުޅިވަރު ކެރިއަރު ނިންމާލުމާ މެދު ސީދާކޮށް ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ. އުމުރުން 41 އަހަރުގެ މަޝްހޫރު ފޯވާޑް އިޝާރާތް ކުރި ގޮތުގައި، ކުރިއަށް އޮތް 2026-2027 ވަނަ އަހަރުގެ ސީޒަނަކީ އޭނާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭނެ ފަހު ސީޒަނަށް ވުން ގާތެވެ.
ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެންނާނެ ފަހު އަހަރަށް ވުން އެކަށީގެންވާ ކަމަށާއި، ކުޅުން ހުއްޓާލަން ބޭނުންވަނީ ކުޅިވަރުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ މަތިވެރި ރެކޯޑުތަކަކާއި ތަރިކައެއް ދޫކޮށްލުމަށްފަހު ކަމަށެވެ. މީގެކުރިންވެސް ކުޅުން ހުއްޓާލުމާ މެދު ވާހަކަދައްކާފައިވީ ނަމަވެސް، ކެރިއަރު ނިންމާލާނެ ސީދާ ތާރީޚެއް ނުވަތަ ދުވަސްވަރެއް މިހާ ސަރީހަކޮށް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ސައުދީ އަރަބިއްޔާގެ އައްނަސްރު ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިއޮތްއިރު، ރޮނާލްޑޯ ވަނީ ފުޓްބޯޅައިގެ ދަނޑާ ދުރަށް ދިއުމަށްފަހު އޭނާގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތުގެ ރޭވުންތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން، ފާއިތުވި 25 އަހަރު ކުރި ބުރަ މަސައްކަތާއި ވެވުނު ގުރްބާނީތަކަށްފަހު، ދެން ބޭނުންވަނީ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށާއި، ދުނިޔޭގެ ތަފާތު ގައުމުތަކަށް ދަތުރުފަތުރުކޮށް، އަމިއްލަ ޝައުގުވެރިކަން ހުންނަ ކުޅިވަރު ކުޅުމާއި ބެލުމުގައި ވަގުތު ހޭދަކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"ފުޓްބޯޅަ ހުއްޓާލުމުން އުފެދޭ ހުސްކަން ފުރާލުމަށްޓަކައި ތަފާތު ކަންކަމުގައި ވަގުތު ހޭދަކުރަންޖެހޭ. އަހަރެންގެ މުސްތަގުބަލު އޮތީ ރޭވިފައި. ލިބުނު ކާމިޔާބީތަކުގެ އުފާ ލިބިގަނެ، ދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވަނީ،" ރޮނާލްޑޯ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ޔޫރަޕުގެ ބޮޑެތި ކްލަބްތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް، ރިއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ޚާއްޞަކޮށް ރިއާލް މެޑްރިޑުގައި ހޭދަކުރި ދުވަސްވަރު 438 މެޗުން 450 ގޯލު ޖަހައި، އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދިއެވެ. މީގެއިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ނޭޝަންސް ލީގު ޕޯޗުގަލްއަށް ކާމިޔާބުކޮށްދީ، ގައުމީ ޓީމަށް 146 ލަނޑު ޖަހައިގެން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ އޭނާގެ އަތުގައެވެ.
އަދިވެސް ކެރިއަރުގެ 1,000 ވަނަ ލަނޑު ހަމަކުރުމުގެ އަމާޒުގައި ހުރި ރޮނާލްޑޯ، ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ އިޝާރާތެއް މި ދިނީ، އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނެލް މެސީވެސް ކުޅިވަރާ ދުރަށް ދިއުމާ މެދު ވިސްނަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ކުރިއަށް އޮތް ސީޒަނުގައި އައްނަސްރާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅެ، އޭނާގެ ރީތި ނިންމުމަކުން ކެރިއަރު ނިންމާލުމަށް ރޮނާލްޑޯ ދަނީ ތައްޔާރުވަމުންނެވެ.





