ޣައްޒާގައި ހިންދު ރަޖަބު އާއި އާއިލާގެ މީހުން ގެ ގަތުލުއާންމު ހިންގި ހާދިސާ އިސްރާއީލު އަސްކަރިއްޔާއިން ޖިނާއީ ގޮތުން ތަހުގީގުކުރަން ނިންމައިފި އެވެ.
ޔަހޫދީ ޖެނޮސައިޑް ފޯސްއިން ހަ އަހަރުގެ ހިންދު ރަޖަބު މަރާލި ހާދިސާއާއި، އިމަޖެންސީ އަދި އެހީދޭ 15 މުވައްޒަފަކު މަރާލި ހާދިސާގެ ޖިނާއީ ތަހުގީގެއް އެގައުމުގެ އަސްކަރިއްޔާގެ ތެރެއިން ހިންގަން ނިންމައިފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު އިއުލާނުކުރި މި ނިންމުމަކީ، މި ގަތުލުއާންމު އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ޔަހޫދީ ސިފައިން ހައްޔަރު ކުރަން އުޅުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ، މި ތަހުގީގުތައް ފެށުމަށް ނިންމާފައިވަނީ އެގައުމުގެ "ފެކްޓް-ފައިންޑިންގ އެންޑް އެސެސްމަންޓް މެކޭނިޒަމް" އިން ހިންގި ބެލުންތަކަށްފަހު ކަމަށެވެ. މީގެ ތެރޭގައި ފަލަސްތީނުގެ އާންމުން މަރާލި ފަސް ހާދިސާއެއްގެ މައުލޫމާތު ހިމެނެއެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އެޕްރީލް މަހު "ވޯލްޑް ސެންޓްރަލް ކިޗަން" ގެ ހަތް އެހީތެރިއަކު މަރުވި ހާދިސާގައި ޖިނާއީ ކުށެއް ހިންގާފައިވާ ކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ، އެ ހާދިސާގެ ޖިނާއީ ތަހުގީގެއް ނުހިންގަން ވަނީ ނިންމާފައެވެ.
ލަންޑަންގެ ރިސާޗް ގްރޫޕެއް ކަމަށްވާ "ފޮރެންސިކް އާކިޓެކްޗާ" އިން ސެޓެލައިޓް އިމޭޖްތަކާއި އެހެނިހެން ހެކިތައް ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ހިންދު އިން ކާރުގެ ކައިރީގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ޓޭންކުތައް ހަރަކާތްތެރިވި ކަމަށާއި، އޭގެ ތެރެއިން އެއް ޓޭންކުން އެ ކާރަށް 335 އުންޑަަ ރައްދުކުރި ކަމަށެވެ. އަދި އެ ކުއްޖާ ސަލާމަތްކުރަން ދިޔަ އެމްބިއުލަންސަށް ހަމަލާދިނީވެސް އިސްރާއީލުގެ ޓޭންކަކުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޓިއުނީޝިއާގެ ފިލްމު މޭކަރު ކައުތަރު ބެން ހަނިއާ ވަނީ "ދަ ވޮއިސް އޮފް ހިންދު ރަޖަބު" ގެ ނަމުގައި ޑޮކިއު-ޑްރާމާއެއް އުފައްދާފައެވެ. ހިންދު ރެޑް ކްރެސެންޓަށް ގުޅައި ދެއްކި އަސްލު އޯޑިއޯ ހިމަނައިގެން ތައްޔާރުކުރި މި ފިލްމު ވަނީ އެކެޑެމީ އެވޯޑްސް (އޮސްކާ) ގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް ނޮމިނޭޓްވެފައެވެ. މީގެ އިތުރުން، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ ހިންދު މަރާލި ހާދިސާ އެމެރިކާއިން އަމިއްލައަށް ތަހުގީގުކުރުމަށް ގޮވާލައި ބިލެއްވެސް ހުށަހަޅާފައެވެ.





