އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިނަލްއަޤްވާމީ މިންގަނޑުތަކުން ހައްޔަރުކޮށްގެން ތުރުކީއަށް ގެނައުމަށްޓަކައި، އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް) މެދުވެރިކޮށް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީގެ އަދުލު އިންސާފާ ބެހޭ ވުޒާރާއިން އެގައުމުގެ ދާޚިލީ ވުޒާރާގައި އެދިއްޖެއެވެ. މި ފިޔަވަޅަކީ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދިޔަ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ގާފިލާއަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީ، އެކަމުގައި ބައިވެރިވި އެކްޓިވިސްޓުން ހައްޔަރުކުރި މައްސަލައިގައި އިސްތަންބޫލްގެ ކޯޓަކުން ހިންގާ ޝަރީއަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުުރުލަކް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ "ގްލޯބަލް ސުމޫދު ފްލޯޓިއްލާ" އަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން އިސްތަންބޫލްގެ 11 ވަނަ ހައި ކްރިމިނަލް ކޯޓުގައި 35 މީހެއްގެ މައްޗަށް މައްސަލަ ހުށަހެޅިގެން ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ނެތަންޔާހޫގެ އިތުރުން އިސްރާއީލުގެ ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ އަފެކް މޮސްކޮވިޗް ހިމެނެއެވެ.
މިނިސްޓަރު ގުރްލަކް ފާހަގަކުރެއްވި ގޮތުގައި، ޖުލައި 14 ގައި އިސްތަންބޫލްގެ ކޯޓުން ވަނީ ނަތަންޔާހޫ އާއި މޮސްކޮވިޗްގެ މައްޗަށް ނަސްލު ނައްތާލުމުގެ ޖެނޯސައިޑް ކުށުގެ ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އެ އަމުރަށް ރިއާޔަތްކޮށް، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމިހުން ހައްޔަރުކޮށް ތުރުކީއާ ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުގެ ކަންކަން ދާޚިލީ އަދި ޚާރިޖީ ވުޒާރާއާ ގުޅިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ ޖުޑީޝަރީން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާއި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ އަމަލުތަކުގެ އިތުރުން، ގާނޫނާ ހިލާފަށް މީހުން ބަންދުކުރުމާއި، އަނިޔާކުރުމާއި، މުދަލަށް ގެއްލުންދިނުމާއި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރި އުޅަނދުފަހަރަށް ގޯނާކޮށް ފޭރުން ހިމެނެއެވެ.
"ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް އޮޅުވާލައި، އެކަންކުރި ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވެ ތިބުމުގެ ފުރުސަތެއް ތުރުކީން ނުދޭނަން،" ގުރްލަކް ވިދާޅުވިއެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އިރުޝާދުގެ ދަށުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަޤްވާމީ ގާނޫނީ ހުރިހާ މަގުތަކެއްގެ ބޭނުން ހިފަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ތުރުކީގެ ނިންމުމަށް ވަރުގަދައަށް ރައްދުދީފައެވެ. އިސްރާއީލުން ބުނެފައިވަނީ ތުރުކީގެ ރައީސް އުރުދުޣާން އިސްރާއީލަށް އަސްކަރިއްޔާއަށް ބިރުދެއްކުމަށް ކުރައްވާ މިފަދަ "ލަދުވެތި" މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ.
އިންޓަޕޯލްގެ ރެޑް ނޯޓިސްއަކީ ސީދާ ބައިނަލްއަޤްވާމީ ހައްޔަރުކުރުމުގެ އަމުރެއް ނޫން ކަމުގައިވީ ނަމަވެސް، އެއީ މެންބަރު ގައުމުތަކުގެ ފުލުހުން މެދުވެރިކޮށް ކުށުގެ ތުހުމަތުކުރެވޭ މީހާ ހުރި ތަނެއް ހޯދައި ބަންދުކުރުމަށް އެދޭ އެދުމެކެވެ.





