ޓެރަރިޒަމް ކޮންޓްރޯލު ކުރަން ޕާކިސްތާނުގެ ޕްރޮވިންސްތައް ކުދި އިދާރީ ޔުނިޓްތަކަކަށް ބަހާލަނީ

ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެންނަމުންދާ ބަދަލުތަކާއެކު ސިޔާސީ އަދި ޝަރުއީ ނިޒާމުގެ މައްޗަށް ސިފައިން ބާރު ގަދަކުރަމުން ދާކަމަށް ބުނާއިރު އެގައުމުގެ އިގްތިސާދީ އަދި ސިއްހީ ދާއިރާގެ ހާލަތު ގޯސްވެ، އާންމުންގެ ނުރުހުން ސަރކާރަށް އަމާޒުވަމުންދާ ކަމަށް ވެެއެވެ. ޕާކިސްތާނުން ވަނީ ނިޒާމަށް ގެނައި ބަދަލުގައި ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ އާ މަގާމު އުފައްދައި، ފީލްޑް މާޝަލް އާސިމް މުނީރަށް ޕްރޮމޯޝަނަކާއެކު ބޮޑެތި އިމްތިޔާޒުތަކާއި ދާއިމީ ރައްކާތެރިކަން ދީ ގާނޫނާއި ގާނޫނުއަސާސީއަށް އިސްލާޙު ގެނަސްފައެވެ.

  • ގާނޫނުއަސާސީއަށް ގެނައި 26 ވަނަ އަދި 27 ވަނަ އިސްލާހުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގެ ބާރު ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކަށް ދީފައި ވެއެވެ.
  • އަސްކަރީ ވެރިންގެ ދައުރު 5 އަހަރަށް އިތުރު ކޮށްފައި ވެއެވެ.
  • މީގެއިތުރުން، އާ ސީޑީއެފް މަގާމުން މީހަކު ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ ދެބައި އަޣުލަބިއްޔަތުން ކަމަށް ހަމަޖައްސާފައެވެ.
  • ސަރުކާރުގެ ބޮޑުވަޒީރު ވަކިކުރުމަށްވުރެ އަސްކަރީ ވެރިޔާ ވަކިކުރުން ވަނީ އުނދަގޫ ކޮށްފައެވެ.
  • މި ބަދަލުތަކާއެކު ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތޫންޚްވާގައި ހައްދުފަހަނައެޅި ގްރޫޕްތަކުގެ ޓެރަރިސްޓް ހަމަލާތައް އިތުރުވެ، ސެކިއުރިޓީ ހާލަތު ވަނީ ގޯސްވެފައެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި، ޕާކިސްތާނުގެ މިހާރުގެ ޕްރޮވިންސްތައް ކުދި އަދާރީ ޔުނިޓްތަކަކަށް ބަހާލުމުގެ މަޝްވަރާތައް ސަރުކާރާއި ސިފައިން ދަނީ ކުރަމުންނެވެ.

ޖެން-ޒީގެ ޒުވާނުންގެ ބޮޑު އިއްތިހާދެއް އުފެދި، ބަންގްލަދޭޝްގައި ކަންތައްވި ގޮތަށް ގައުމު ރީސެޓްކޮށްފާނެ ކަމުގެ ބިރު އޮތުމުން، އިދާރީ ނިޒާމުތަކަށް ބަދަލު ގެނަސްގެން އާންމުންގެ ނުރުހުން ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް، ޕީޕީޕީ އާއި ޕީއެމްއެލް-އެން ފަދަ މައިގަނޑު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ބައެއް ފަރާތްތަކުން ދަނީ މިފަދަ ބަދަލަކަށް ދެކޮޅުހަދަމުންނެވެ.

ހިއްސާ ކުރައްވާ!