ބަންގްލާދޭޝްގެ އަންހެނުންނަށް ޗައިނާގެ ފެމިލީ ވިސާ ދޫކުރާ މިންވަރު ފާއިތުވި ތިން އަހަރުގެ ތެރޭގައި 50 ގުނައަށް އިތުރުވެއްޖެ އެވެ. މިއީ ކައިވެނިތަކުގެ ނިވާފަތްގަނޑުގައި ހިންގާ އިންސާނީ ވަގުފާރީގެ ބޮޑު ނެޓްވޯކެއްގެ ނަތީޖާ އެއްކަމާއި އެކަމުގެ ކަންބޮޑުވުން އުފެދިފައވާ ކަމަށް ބަނގްލަދޭޝް މީޑިއާއިން ރިޕޯޓު ކުރެއެވެ.، 2022 ވަނަ އަހަރު ޗައިނާއިން ފެމިލީ ޗިސާ ދޫކޮށްފައި ވަނީ ބަނގްލަދޭޝްގެ އެންމެ 35 އަންހެނުންނަށެވެ. އަދި 2025 ވަނަ އަހަރު އެ އަދަދު ވަނީ 1,721 އަށް މައްޗަށް ގޮސްފައެވެ.
ޑާކާގައި ބޭއްވި އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ކޮންފަރެންސެއްގައި ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2020 އާއި 2025 އާ ދެމެދު 4,226 އަށްވުރެ ގިނަ ބަންގްލާދޭޝް އަންހެނުން ވަނީ ފެމިލީ ވިސާގައި ޗައިނާއަށް ދަތުރުކޮށްފައެވެ.
މީގެ ތެރޭގައި ޗިޓަގޮންގ ފަރުބަދަ މަތީ ސަރަޙައްދުގެ ނިކަމެތި އާއިލާތަކަށް ނިސްބަތްވާ އަންހެނުންނާއި އުމުރުން ހަގު ޒުވާން އަންހެންކުދިން ހިމެނެއެވެ. މި ނެޓްވޯކްތަކުން ގަވާއިދާ ޚިލާފަށާއި ބިރުދައްކައިގެން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސައްޙަ ނޫން ލިޔެކިޔުންތައް ހަދައިގެން ޗައިނާ ފިރިހެނުންނާ ކައިވެނި ކުރުވައި، ޗައިނާއަށް ގެންދާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
މި ކަމަކީ ޖަރީމާއެއް ކަމަށް ސިފަކޮށް މިކަން ހުއްޓުވުމަށްޓަކައި ބަންގްލާދޭޝްގެ ހޯމް މިނިސްޓްރީއާއި އިމިގްރޭޝަނުން ދަނީ ގައުމުން ބޭރު މީހުންނާ ކުރާ ކައިވެނިތަކާ ގުޅޭ ގަވާއިދުތައް ވަރުގަދައަށް ވެރިފައިކުރާނެ އައު "އެސްއޯޕީ" އެއް އެކުލަވާލަމުންނެވެ. އަދި ޑާކާގައި ހުންނަ ޗައިނާ އެމްބަސީންވެސް ވަނީ ޤާނޫނާ ޚިލާފަށް "ކައިވެނި ވިއްކުމުގެ" ނަމުގައި ހިންގާ ވިޔަފާރިކުރާ އޭޖެންޓުންގެ މައްސަލަ ބަލައި ސައްޙަ ނޫން ކައިވެނިތަކުގެ ތެރެއިން އެކި ބާވަތުގެ ޖަރީމާތަކަށް މަގުފަހިވާތީ އެކަމަށް ސަމާލުވުމަށް އިންޒާރުދީފައެވެ.





