ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާރމަރު ޤާނޫނުހަދާ މަޖިލީހުން އިސްތިޢުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިތާ ގާތްގަނޑަކަށް ހަ ހަފުތާ ފަހުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަމުންވެސް އިސްތިޢުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށް ކިއާ ސްޓާރމަރ އިއުލާނު ކުރައްވައިފިއެވެ.

ލޭބަރ ޕާޓީގެ ލީޑަރުކަމުންނާއި ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވީ ޕާޓީގެ ތެރެއިން އޮތް ތާއީދު ގެއްލުމާ ގުޅިގެންނެވެ. ސްޓާރމަރ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުން ވަކިވެވަޑައިގަންނަވަން ނިންމެވީ ދެން އެންމެ ބޮޑަށް އިސްކަންދެއްވަން ބޭނުންވަނީ ބައިނަލްއަޤްވާމީ ކަންކަމަށް ކަމަށްވާތީއެވެ. މީސް މީޑިއާގެ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި މެސެޖެއްގައިވެސް އޭނާ ވަނީ މި ނިންމެވުން ކަށަވަރުކޮށްދެއްވާފައެވެ.

2024 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ލޭބަރ ޕާޓީއަށް ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވައި ބެރު ދުންމާރީގައި ސަރުކާރު އެކުލަވާލެއްވި ނަމަވެސް، ސްޓާރމަރގެ ވެރިކަމުގައި ނިންމެވި ބައެއް ނިންމެވުންތައް ބަދަލުކުރައްވަން ޖެހިވަޑައިގަތުމާއި ސިޔާސީ ޙިކުމަތްތެރިކަން ކުޑަވުމުގެ ސަބަބުން ޢާންމުންގެ ތާއީދު ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ.

ދާޚިލީ ސިޔާސަތުތަކުގައި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ޚާރިޖީ ދާއިރާއިން ސްޓާރމަރ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން ޔުކްރޭނަށް އެހީވުމަށް ޤައުމުތައް ގުޅިގެން އުފެއްދި އިއްތިޙާދުގައި އިސްކޮށް އުޅުއްވުމާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުގެ އިތުރުން ޗައިނާއާއެކު އޮތް ގުޅުން އަލުން ބަދަހިކުރެއްވުން ފާހަގަކޮށްލެވެއެވެ.

ސްޓާރމަރ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އޭނާ ތަމްސީލުކުރައްވަމުން ގެންދެވި ހޮލްބޯން އެންޑް ސެންޓް ޕެންކްރަސް ދާއިރާގެ އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. ސްޓާރމަރގެ ބަދަލުގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ އެންޑީ ބަރންހަމްއެވެ. ބަރންހަމް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ލޭބަރ ޕާޓީއަށް ޢާންމުންގެ ތާއީދު އިތުރުވަމުންދާ ކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!