މައްކާ ސަރަހައްދަށް ހޫޘީން ފޮނުވި ޑްރޯން ވައްޓާލައިފި

މައްކާގެ ވައިގެ ސަރަޙައްދަށް ވަންނަން އުޅުނު ޑްރޯންއެއް ވައިގެ ދިފާޢީ ނިޒާމު މެދުވެރިކޮށް ހަލާކުކޮށްލާފައިވާ ކަމަށް ސަޢޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ. ސައޫދީ ކޯލިޝަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ޙާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހޫޘީން ފޮނުވާލި މި ޑްރޯން އަމާޒުކޮށްފައިވަނީ މައްކާގެ ވައިގެ ސަރަޙައްދަށެވެ. ނަމަވެސް، ސަޢޫދީ ސިފައިން ވަނީ ވަގުތުން ޙަރަކާތްތެރިވެ، އެ ޑްރޯން މައްކާ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން ވައްޓާލާފައެވެ. މިއީ  2017 ވަނަ އަހަރު ބެލިސްޓިކް މިސައިލަކުން ހަމަލާދޭން އުޅުނު ފަހުން، މައްކާއަށް އަމާޒުކޮށް ހިންގަން އުޅުނު މިފަދަ ދެވަނަ ނުރައްކާތެރި ޢަމަލު ކަމަށް ވެއެވެ.

މިކަމާ ގުޅިގެން ސަޢޫދީ ސިފައިންގެ އިސް އޮފިޝަލުން ވިދާޅުވީ، މުޤައްދަސް ބިންތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެއްވެސް ޙާލެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ މުސްލިމުންގެ އިޙުސާސްތަކާ ކުޅެލުމެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އޯއައިސީން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޯއައިސީން ބުނެފައިވަނީ، މިފަދަ ނުރައްކާތެރި ހަމަލާތަކަކީ ބައިނަލްއަޤުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނީ ޓެރަރިސްޓު ކަންކަން ކަމަށެވެ.

ހިއްސާ ކުރައްވާ!