އެމެރިކާގެ އަހަރުގެ މެދު ތެރޭގައި އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުކުރުމާއެކު، ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާގެ އިތުރުން ކެބިނެޓް ވަޒީރުންނާ ދެކޮޅަށް ތަޙުޤީޤުތައް ހިންގައި، އޭނާ އަޒުލުކުރުމުގެ މައްސަލަތައް ކުރިއަށްގެންދާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޓެޑް ކްރޫޒް އިންޒާރު ކުރައްވައިފިއެވެ.
ޓެކްސަސް ސްޓޭޓް ތަމްސީލުކުރައްވާ ސެނެޓަރު ޓެޑް ކްރޫޒް "ޕޮލިމާކެޓް އޯލް އިން" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޑިމޮކްރެޓުން ކޮންގްރެސްގެ ކޮންޓްރޯލް ނެގުމާއެކު ސަރުކާރުގެ އިސް މަސްއޫލުވެރިން މަޖިލީހަށް ހާޒިރުކޮށް، ސިޓީއާއި އަމުރުތައް ފޮނުވުން އިތުރުވެގެންދާނެ ކަމަށެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ މައްސަލަ އެތައް ފަހަރަކު ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު އޮތް ކޮންގްރެސްގެ ދައުރު ނިމުމުގެ ކުރިން، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އަޒުލުކުރުމުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް ކްރޫޒް ފާހަގަކުރެއްވިއެވެ.
ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި ޑިމޮކްރެޓުން، ސެނެޓުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ފަނޑިޔާރުން އައްޔަންކުރުމުގެ މަރުޙަލާތައް ހުއްޓުވާނެ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވި ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ފުރުސަތު ނުދީ ހުސްކޮށް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.







