މި ހިނގާ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، ވޭތުވެދިޔަ 13 ދުވަހުގެ ތެރޭގައި ބަނގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި އަތުބޮން ގޮއްވާލުމުގެ 87 ހާދިސާއަކާއި، އެއްގަމު އުޅަނދުތަކުގައި އަލިފާން ރޯކޮށްލުމުގެ 83 ހާދިސާއެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައި އިދާރާއިން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ފުލުހުންގެ މައި އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ މަރުކަޒުތަކަށާއި ފުލުހުން ބޭނުންކުރާ އުޅަނދުތަކަށްވެސް ވަނީ އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހާދިސާތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 39 މައްސަލައެއް ރަޖިސްޓްރީކޮށް ތަޙުޤީޤު ފަށާފައިވާއިރު، މި ކަންކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 66 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ރެކޯޑުތަކުން އެނގޭ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންގެ ހަތަރު މަރުކަޒެއްގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ޤައުމުގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ 28 އުޅަނދެއްގައި ރޯކޮށްލައި ހަލާކުކޮށްލާފައިވެއެވެ. މީގެއިތުރުން، އަތުބޮން ގޮއްވާލުމުގެ ހާދިސާތަކުގައި ފުލުހުންގެ ތިން އިމާރާތަކަށާއި އެއް އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ބަނ ގްލަދޭޝްގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، އަމަންއަމާންކަމަށް ބުރޫއަރާފަދަ ޢަމަލުތައް އިތުރުވަމުންދާތީ، ޢާންމު މަސްލަޙަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ބަނގްލަދޭޝްގެ އަމަންއަމާންކަން ޤާއިމުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ކުރިއާލާ އިންޓެލިޖެންސް މަޢުލޫމާތު އެއްކުރުމާއި، ފުލުހުންގެ ފާރަވެރިކަމާއި ޕެޓްރޯލް ކުރުން އިތުރުކުރުމުގެ އިތުރުން، އެކި ސަރަޙައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމުކޮށް، ހާދިސާތައް ހިނގާ ތަންތަނަށް ވީހާވެސް އަވަހަކަށް އިޖާބަދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަނާކޮށްފައިވާ ޖަމާޢަތްތަކާއި، ސިޔާސީ ހަރަކާތްތައް ހިންގުން މަނާކުރެވިފައިވާ ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދިނުމަށް ހިންގާ އެއްވެސް ޢަމަލެއް ހުއްޓުވުމަށްޓަކައި ފުލުހުން ތިބީ އެންމެ މަތީ ދަރަޖައަށް ސަމާލުވެގެން ކަމަށް ފުލުހުން ބުނެއެވެ.




