ކޮރަޕްޝަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ސާފު ގޮތެއްގައި އިރުޝާދު ދެއްވާފައިވާ ކަމަށާއި މި ސަރުކާރުން އެފަދަ ކަންކަމަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ދާޚިލީ ވަޒިރު އަލީ އިޙުސާސް ވިދާޅުވެއެވެ. އެގޮތުން، މިފަހުން ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރަކާ ދެކޮޅަށް މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނަކީވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރިއަށްގެންދިޔަ މުހިއްމު އޮޕަރޭޝަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ޚާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ނުބޭއްވުން. ވަރަށް ފަހުން ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަން ވަނީ ފަށާފައި. މީގައި ވަކި ފަރުދެއް ވަކި މުއައްސަސާއެއް އިސްތިސްނާ ނުވާނެ. މި ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެންމެންނަކީވެސް ނަޒާހަތްތެރި ބައެއްކަމުގައި އަޅުގަނޑުމެން ކަށަވަރުކުރާނަން” ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާއާއި އެ ވުޒާރާގައި ހިމެނޭ ދާއިރާގައި މަސައްކަތް ކުރާ އެންމެންނަކީވެސް ނަޒާހަތްތެރި ބައެއްކަން ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދެއްވާފައެވެ. ރޭ ބާއްވާފައިވާ ހަފްލާގައި ވަނީ، ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ “ނާރެސް” ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށްފައެވެ.
ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތް ގޮތާމެހޭ ގޮތުން ވާހަކަ ދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށްވެފައެވެ. އެއީ ޤާނޫނު ތަންފީޒު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.