39 ޕޮއިންޓްއާއި އެކު ޕްރިމިއަރ ލީގު 15 ވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ފައިނަލްއަށް ހިނގައްޖެއެވެ. މިރޭ އޯލްޑް ޓްރެފޯޑްގައި އެތްލެޓިކް ކްލަބްއާ ދެކޮޅަށް ކުޅެ 4 ލަނޑު ޖަހާ ޔޫރޮޕާ ލީގުގެ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ގޮސްފައިވަނީ 7-1 އެގްރެގޭޓްއަކުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑް ފައިނަލަށް ދަތުރުކޮށްފައި މިވަނީ ޔޫރޮޕާ ލީގުގެ އެންމެ މެޗަކުންވެސް ބަލި ނުވެއެވެ.
މިރޭގެ މެޗު މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފައި މިވަނީ ފުރަތަމަ ހާފުގައި އެތްލެޓިކް ކްލަބް 1 ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށް ދެވަނަ ހާފުގައި ނިކުމެ 4 ލަނޑުޖަހައިގެންނެވެ. އެތްލެޓިކް ކްލަބްއާ ދެކޮޅަށް 72 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ލަނޑުޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން ނިކުތް މޭސަން މައުންޓްއެވެ. އެއަށް ފަހު 80 ވަނަ މިނެޓުގައި ލަނޑުޖަހައި ޔުނައިޓަޑްއަށް ކުރި ހޯދައި ދިނީ ކެސެމީރޯއެވެ. އަދި 85 މިނެޓުގައި އިތުރު ލަނޑެއް ޖަހާ މެންޗެސްޓަރ ޔުނައިޓަޑްއަށް ފުރުސަތު ބޮޑުކޮށް ދިނީ ޑެންމާކުގެ ޒުވާން ސްޓްރައިކަރ ރަސްމަސް ހޮލަންޑްއެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް 91 މިނެޓުގައި މޭސަން މައުޓް އިތުރު ލަނޑެއް މެންޗެސްޓަރ ޔުނައިޓަޑްއަށް ކާމިޔާބުކޮށްދިނެވެ.
ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުތަކެއް ހޯދަމުން އައި ކަމުގަވިޔަސް، ޔޫރޮޕާ ލީގް ސެމީ ފައިނަލްގެ ދެވަނަ ލެގް ގައި އެތްލެޓިކް ކްލަބްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެންޗެސްޓަރ ޔުނައިޓަޑްގެ ކޯޗް ރުބެން އަމޯރިމް ބުނީ، މިރޭ ޔޫރޮޕާ ލީގު ފައިނަލަށް ހިނގައްޖެ ނަމަ މެންޗެސްޓަރ ޔުނައިޓަޑް ވެގެން ދާނީ މުޅި ތާރީޚުގައިވެސް ޔޫރަޕިއަން މުބާރާތެއް ކާމިޔާބު ކުރާނެ އެންމެ ދަށް ޕްރިމިއަރ ލީގު ޓީމުކަމަށެވެ. ސްކައި ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނި ގޮތުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑްއަށް އައިސުރެއްވެސް މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޕްރިމިއަރ ލީގުގެ އެންމެ ދަށް ޓީމުގެ ގޮތުގައެވެ. މިހާތަނަށް ޕްރިމިއަރ ލީގުގައި 35 މެޗު ކުޅެފައި ވާއިރު މޮޅުވެފައި ވަނީ އެންމެ 10 މެޗުންނެވެ.
ޕްރިމިއަރ ލީގުގެ ރެލިގޭޝަންއަށް ދިއުމުގެ ބިރު ކުރިމަތިވެފައި ވީނަމަވެސް ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް މިފަހަރު ދައްކަމުން އަންނަ މޮޅު ކުޅުމުން މާޔޫސްވެފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް މިވަނީ އުފާވެރިކަން ގެނުވާފައެވެ. މިރޭ އެތްލެޓިކް ކްލަބްއާއި ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް މެޗު ބެލުމަށްޓަކައި 70،000 ވުރެ ގިނަ ސަޕޯޓަރުން ދަނޑު ފުރާލާފައިވެއެވެ. މިރޭގެ މެޗު ބަލަން ދަނޑަށް ހާޒިރުވި މީހުންގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އަދި ލެޖެންޑް ސަރ އެލެކްސް ފަރގަސަންވެސް ހިމެނެއެވެ.
ޔޫރޮޕާ ލީގު ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ 21 މެއި 2025 ވަނަ ދުވަހު ސްޕެއިންގެ ބިލަބައުގެ ސަން މަމެސް ސްޓޭޑިއަމްގައެވެ. ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވަނީ ޕްރިމިއަރ ލީގު ޓީމްއެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސަޕަރއާ ދެކޮޅަށެވެ. ޔޫރޮޕާ ލީގު ފައިނަލުން މިތަނުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވީނަމަވެސް މިފަހަރުގެ ޔޫރޮޕާ ލީގު ތަށި ދާނީ އިންގްލޭންޑްއަށްކަން ފާހަގަކޮށްލެވެއެވެ.







