އިންޑިއާ-ޕާކިސްތާންގެ ކުރިމަތި ލުމަށް އެމެރިކާ ވަނީ ކިހިނެއް؟

ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ތަފްސީލުކޮށްފައިވާ ގޮތުގައި، މެއި މަހުގެ ހަތް ވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލައިގެ ތެރެއަށް ވަނުމަށް ފުރަތަމަ އެމެރިކާ ފަސްޖެހުނެވެ. ފުރަތަމަ މެއި މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެފައި ވަނީ މި ހަމަނުޖެހުމަކީ "އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން" ކަމަށެވެ. ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން ވަނީ އެމައްސަލާގެ ތެރެއަށް ވަނުމަށް ނިންމައި، ދެފަރާތާ ގުޅަން ފަށާފައެވެ.

އެމެރިކާއިން މި މައްސަލާގައި ދެފަރާތާ ވާހަކަ ދައްކަން ނިންމީ މުހިންމު ދެ ކަމެއްގެ ސަބަބުންނެވެ.

ފުރަތަމަ ކަމަކީ، އިންޑިއާގެ ދިފާޢީ ނިޒާމުތައް އަޖުމަ ބަލާލުމަށް މެއި މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުން 300-400 ޑްރޯން ފޮނުވާލުން ވަރުގަދަ ވައިގެ ހަނގުރާމައެއްގެ ނުރައްކާތެރި ކުރިއެރުންތަކެއް ފެނިގެން ދިއުމެވެ.

ދެވަނަ ކަމަކީ، ޕާކިސްތާނުގެ ގާތްގަނޑަކަށް 170 ނިއުކްލިއާ ވޯހެޑް ބަލަހައްޓާ ސްޓްރެޓެޖިކް ޕްލޭންސް ޑިވިޝަން ކައިރީގައި އޮންނަ މުހިއްމު ލޮޖިސްޓިކްސް ހަބެއް ކަމަށްވާ ރާވަލްޕިންޑީގައި ހުންނަ ޕާކިސްތާނުގެ ނޫރު ޚާން އެއާ ބޭސްއަށް އިންޑިއާއިން މެއި މަހުގެ 10 ވަނަ ދުވަހު ދިން މިސައިލް ހަމަލާތަކުން ނުރައްކަލުގެ ރަނގަބީލުތައް ޖެހުމެވެ.

އެމެރިކާގެ ކުރީގެ އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި އިސްލާމްއާބާދާ މަދު މޭލެއްހާ ދުރުގައި އޮންނަ މިމަރުކަޒަށް އަމާޒު ކުރި ހަމަލާއަކީ އިންޑިއާގެ ނިއުކްލިއާ ކޮމާންޑަށް ޕާކިސްތާނުން އަމާޒު ހިފާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމެއް ކަމަށް ބެލެވުނެވެ.

ޕކިސްތާންގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް އެވާހަކަ ދޮގު ކުރެއްވިނަމަވެސް، ޕާކިސްތާނުގެ ނޭޝަނަލް ކޮމާންޑް އޮތޯރިޓީ ގެ ކުއްލި ބައދަލުވުމަކަށް ގޮވާލުމުން ނިއުކްލިއާގެ ކަންބޮޑުވުންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ.

މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ވަނީ ދެ ގައުމާ ގުޅުން އޮންނަ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ ސަރުކާރުތަކުން ކުރި މަސައްކަތާއި އެފަރާތްތަކުގެ އާންމު ބަޔާންތަކާއި އަދި އެހެން ފަރާތްތަކލުންވެސް މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތަކީ، އަދި އެކަށީގެންވާ ކަމެއް ނޫންކަން ގަބޫލުކޮށްފަ އެވެ.

އެއަށްފަހު، އެމެރިކާގެ ނައިބު ރައީސް ވެންސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގުޅުއްވައި، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެތުރމުގެ  ނުރައްކާ ބޮޑުކަމުގެ އިންޒާރު ދެއްވައި، ވަގުތުން މައިތިރި ކަމަކަށް ވަޑައިގަތމަށް ހުށަހެޅުއްވިއެވެ. ނަމަވެސް، މޯދީ އެކަމަކަށް ސާފު ޖަވާބެއް ނުދެއްވިއެވެ.

އެއަށްފަހު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމުވެސް އަދާކުރައްވަމުން ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރާ ގުޅުއްވައިފަ އެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކު ވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 5:00 އަށް އަމަލުކުރަން ފަށާ ހަނގުރާމަ ހުއްޓާލުމަށް ރޫބިއޯގެ ފަރާތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި އެމެރިކާގެ 48 ގަޑިއިރުގެ ޑިޕްލޮމެސީ އަށް މި މައްސަލަ ހައްލު ކުރުމުގައި އިސް ދައުރެއް އޮތް ކަމަށް ބުނެ ކްރެޑިޓް ދީފަ އެވެ.

ދެކުނު އޭޝިއާގައި ނިއުކްލިއާ ކާރިސާއެއް ހުއްޓުވުމުގެ ބޭނުންތެރިކަމުގައި 1999 ވަނަ އަހަރު ހިނގި ކާގިލް ހަމަނުޖެހުމުގައި އެމެރިކާ އިން ދެފަރާތަށް ވެފައިވާ ތަދައްޚުލުވުން އެމެރިކާއިން އަލުން ތަކުރާރުކޮށް މަސްރަހު މައިތިރި ކޮށްދިނީއެވެ.

ހިއްސާ ކުރައްވާ!