ރިއަލް މެޑްރިޑްގެ ސްޓްރައިކަރ ކިލިޔަން އެމްބާޕޭ އޭނާގެ ފުރަތަމަ ސީޒަން ސްޕެއިންގައި ނިންމާލާފައިވަނީ ޔޫރަޕިއަން ގޯލްޑަން ޝޫ އެވޯޑް ހޯދުމާއެކުގައެވެ. 26 އަހަރުގެ މި ފްރެންޗް ކުޅުންތެރިޔާ ވަނީ ލަ ލީގާގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށްވެ ޕިޗިޗި ޓްރޮފީވެސް ހޯދާފައެވެ.
މި ސީޒަންގެ އެންމެ ފަހު މެޗުގައި އެމްބާޕޭ ދެ ގޯލު ޖަހައި، ސްޕޯޓިންގ ލިސްބަންގެ ވިކްޓަރ ގިއޯކެރެސް އަތުން ޔޫރަޕިއަން ގޯލްޑަން ޝޫ އެވޯޑް އަތުލައިފިއެވެ. މި އެވޯޑަކީ ހަމައެކަނި ލީގު މެޗުތަކުގައި ޖަހާ ގޯލުތަކަށް ބަލައިގެން ދޭ އެވޯޑެކެވެ.
އެމްބާޕޭ މި ސީޒަންގައި ޖުމްލަ 31 ގޯލު ޖަހައި، ރިއަލް މެޑްރިޑްގެ ފަރާތުން މި އެވޯޑް ހޯދި ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައި ވަނީ ރެކޯޑު ފޮތްތަކުގައި ނަން ލިޔެވިފައެވެ. މީގެ ކުރިން މި އެވޯޑް ރިއަލް މެޑްރިޑްގެ ފަރާތުން ހޯދާފައިވަނީ ހޫގޯ ސާންޗެޒް އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ފްރާންސްގެ ކުޅުންތެރިއެއްގެ ގޮތުގައި މި އެވޯޑް އެންމެ ފަހުން ހޯދާފައިވަނީ ތިއެރީ ހެންރީއެވެ. އޭނާ މި އެވޯޑް ހޯދީ 2004 އަދި 2005 ވަނަ އަހަރު އާސެނަލްގެ ޖާޒީގައި ކުޅެމުންދިޔައިރުއެވެ.
މި އެވޯޑް ހޯދުމުގެ ފުރުސަތު އެހެން ކުޅުންތެރިންނަށްވެސް އޮތްނަމަވެސް، އެމްބާޕޭ ވަނީ އެ ފުރުސަތު ގެއްލުވާނުލައި އެވޯޑް ހޯދާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަރޕޫލްގެ މުހައްމަދު ސަލާހް މި އެވޯޑް ހޯދުމަށް ބޭނުންވެފައިވީ ނަމަވެސް، އެންމެ ފަހު މެޗުގައި އޭނާއަށް ޖެހުނީ އެންމެ ގޯލެކެވެ. އެހެންކަމުން އޭނާ ވަނީ 29 ގޯލާއެކު ތިންވަނައަށް ޖެހިފައެވެ.
ބާސެލޯނާގެ ރޮބަޓް ލެވަންޑޮވްސްކީ ވަނީ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖަހައި، ޖުމްލަ 27 ގޯލާއެކު ޔޫރަޕްގެ ހަތަރުވަނަ އަދި ސްޕެއިންގެ ދެވަނަ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ނަމަވެސް ބާސެލޯނާ ވަނީ ލަ ލީގާގެ ޗެމްޕިއަންކަން ކުރިން ކަށަވަރުކޮށްފައެވެ.






