މަރަޑޯނާގެ މަރުގެ މައްސަލަ ބަލާ ފަނޑިޔާރެއް އިސްތިއުފާދީފި

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާގެ މަރުގެ މައްސަލަ ބަލަމުންދާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު އިސްތިއުފާ ދީފިއެވެ. މި އިސްތިއުފާ ދިނުމަށް މެދުވެރިވި ސަބަބަކީ ހުއްދަ ނެތި ޑޮކިއުމެންޓްރީއެއް ނަގަމުންދާކަމުގެ ތުހުމަތުތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މައްސަލަ ކުރިއަށް ދާނެ ގޮތާ މެދު ޝައްކުތަކެއް އުފެދިފައިވެއެވެ.

މި މަޝްހޫރު މައްސަލައިގެ ޝަރީއަތް ފެށުނީ މިދިޔަ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި މަރަޑޯނާއަށް އަދިވެސް ނުހަނު އިޙްތިރާމް ކުރާ އާޖެންޓީނާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ.

މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނީ ސަން އިސިޑްރޯ އިސްތިއުނާފު ކޯޓުގައެވެ. ކޯޓު ބޭރުގައި "ޑިއެގޯ 10 އަށް އިންސާފު" މިފަދަ ބެނާތައް ހިފައިގެން ގިނަ އަދަދެއްގެ މަރަޑޯނާގެ ފޭންސް އެއްވެ ތިބެއެވެ. މި ނަންބަރަކީ މަރަޑޯނާގެ ޖާޒީ ނަންބަރެވެ.

މި މައްސަލައިގައި މަރަޑޯނާގެ ސިއްޙީ ފަރުވާގެ ޓީމުގައި ހިމެނޭ 8 ޑޮކްޓަރުންނަށް ދައުވާ އުފުލިފައިވަނީ އިހުމާލުން މީހަކު މެރުމުގެ ކުށުގައެވެ. މަރަޑޯނާ ނިޔައުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު 60 އަހަރުގައެވެ. އޭނާ މަރުވުމުގެ ކުރިން ސިކުނޑީގެ ލޭ ގަނޑުވުމުގެ ސަބަބުން ސަރޖަރީއެއް ހަދާފައިވެއެވެ.

މި މައްސަލައިގައި ކުށްވެރިވެއްޖެނަމަ، މި 8 ޑޮކްޓަރުންނަށް 8 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ލިބޭނެއެވެ.ADV

ހިއްސާ ކުރައްވާ!