އިޓަލީގެ އިންޓަރ މިލާން ކުލަބުން މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ތިންވަނަ ޖާޒީ ލައިގެން ކުޅޭނެ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ. މިއީ އެ ކުލަބުގެ ތާރީޚުގައި ފައިނަލެއްގައި ތިންވަނަ ޖާޒީ ލައިގެން ކުޅޭ ފުރަތަމަ ފަހަރެވެ.
މިއުނިޚްގެ އެލިއަންޒް އެރީނާގައި ބޭއްވޭ މި މެޗުގައި އިންޓަރ މިލާން ވާދަކުރާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖަރމެން (ޕީއެސްޖީ) އާ ދެކޮޅަށެވެ. މިއީ މި ދެ ޓީމު ރަސްމީ މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
އިންޓަރ މިލާންގެ ކުޅުންތެރިން މި މެޗުގައި ލައިގެން ތިބޭނީ ރަން ކުލައަކަށްދާ ގަދަ އޮރެންޖު ކުލައާއި އަދި ކަޅު ކުލަ ހިމެނޭ ޖާޒީއެކެވެ. މި ޖާޒީގެ ޑިޒައިނަކީ މިލާނޯ ސިޓީގެ އާކިޓެކްޗަރ އަދި އާޓިސްޓުންގެ މަސައްކަތުން އިލްހާމު ލިބިގެން ހަދާފައިވާ ޑިޒައިނެކެވެ.
އިންޓަރ މިލާންގެ ކުޅުންތެރިން މި ޖާޒީ ލައިގެން މި މޫސުމުގައި ކުޅުނު 7 މެޗުން ވަނީ މޮޅުވެފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ 2 މެޗު ހިމެނެއެވެ. މި ޖާޒީ ލައިގެން ކުޅެ، މި މޫސުމުގައި ބަލިވެފައިވަނީ އެއް މެޗުގައެވެ.
އިންޓަރ މިލާންގެ ގޯލްކީޕަރު ޔާން ސޮމަރ މި މެޗުގައި ލާނީ އޮރެންޖް ކުލައިގެ ޖާޒީއެކެވެ. މިއީ އޭނާ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެ، ފާހަގަކޮށްލެވޭ ރީތި ސޭވްތަކެއް ހެދި ޖާޒީއެވެ.
އިންޓަރ މިލާން މިހާތަނަށް ޗެމްޕިއަންސް ލީގް/ޔޫރަޕިއަން ކަޕް ކާމިޔާބު ކޮށްފައިވަނީ 3 ފަހަރުއެވެ. އެއީ 1964، 1965 އަދި 2010 ވަނަ އަހަރުއެވެ. އެހެންކަމުން، މި މެޗުން މޮޅުވެއްޖެނަމަ، އެ ކުލަބަށް ހޯދޭނީ 4 ވަނަ ޗެމްޕިއަންޝިޕެވެ. އަނެއްކޮޅުން، ޕީއެސްޖީ އަށް މިއީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމުގެ ފުރުސަތެކެވެ.





