ޖަމްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ޔޫއޭއީއަށް ވަޑައިގެންފަ އެވެ. ޔޫއޭއީގެ ލީޑަޝިޕާއެކު ބޭއްވި ބައްދަލުވުންތަކުގައި މިސްރީ ވަނީ އިންޑިއާއަށް ދިން އެ ހަމަލާ ޔޫއޭއީން ކުށްވެރިކުރާކަމުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ވިޔަފާރިއާއި ހަކަތައާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔައެވެ.
މުހިއްމު ސްޓްރެޓެޖިކް ޕާޓްނަރެއް ކަމަށްވާ ޔޫއޭއީ އިން ވަނީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭ ސްޓޭންޑަށް ތާއީދުކޮށްފައެވެ. މިސްރީގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ޔޫއޭއީގެ ގުޅުން ބަދަހި ވެފައިވާއިރު، އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް ދެ ގައުމުގެ ދެމެދު އުފެދިފައިވެއެވެ.
މާލީ އަހަރު 24 ވަނަ އަހަރު ދެ ގައުމުގެ ވިޔަފާރި 85 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. އަދި 2022 ވަނަ އަހަރު ސޮއިކުރި ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓާ އެއްގޮތަށް ޓެކްނޮލޮޖީއާއި އިއާދަކުރަނިވި ހަކަތައަށް އެއްބާރުލުން ދިނުން ވެސް މި އެންގޭޖްމަންޓުގައި ވަނީ ދިރާސާކޮށްފަ އެވެ.

