ވިއެޓްނާމާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވިއެޓްނާމްގެ ނޮން-ރެސިޑެންޓް އެމްބެސެޑަރ ޓްރިން ތި ޓަމް، އޮޕްއެޑެއް ލިޔުއްވައިފިއެވެ. އީޓުރުތުގައި ލިޔުއްވި މި އޮޕްއެޑްގައި އެމްބެސެޑަރ ޓަމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަމާއި، ކުރިމަގުގައި އެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

1975 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައިކަމަށް އެމްބެސެޑަރ ޓަމް ވިދާޅުވިއެވެ. އަދި އެކަން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ބައްދަލުވުންތަކުންނާއި، އ.ދ ފަދަ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދެމުންދާ އެއްބާރުލުމުން ހާމަވާކަމަށް ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގޮސްފައިޥާ ކަމަށް އެމްބެސެޑަރ ޓަމް ފާހަގަކުރެއްވިއެވެ. އެގޮތުން، އަހަރަކު 15 މިލިއަން ޑޮލަރުގެ ވިޔަފާރި ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވޭ ކަމަށާއި، ދިވެހިރާއްޖެއިން ވިއެޓްނާމްގައި 23 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައިވާކަމަށް ލިޔުއްވައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި "ވިއެޓްނާމް-މޯލްޑިވްސް ބިޒްނަސް ނެޓްވޯކް" ވޯކްޝޮޕެއް ބޭއްވެވި ކަމަށާއި، މި ވޯކްޝޮޕުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތްކުރުމާއި، ތަޢުލީމާއި އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހުޅުވިގެން ދިޔަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމަކީވެސް ކަނޑުގެ ސަރަހައްދާ ގުޅިފައިވާ ދެ ޤައުމުތަކަމަށް ވުމުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި އެއްބާރުލުން އިތުރުކުރެވިދާނެ ކަމަށް އެމްބެސެޑަރ ޓަމް ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި އިކޯ ޓޫރިޒަމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ކަމަށް އެމްބެސެޑަރ ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން، މި ދެ ޤައުމުގެ ދެމެދުގެ ގުޅުން އައު ހަރުފަތަކަށް ވާސިލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމްބެސެޑަރ ލިޔުއްވައެވެ.
މި އޮޕްއެޑް ޝާއިއުކޮށްފައިވަނީ އީޓުރުތު އެމްވީގައެވެ.
A Golden Jubilee of Friendship: Viet Nam and the Maldives Move forward to a New Path

